ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ބާއްވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ފަށައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޚާއްސަ މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަހާސިންތާއަކީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން އިންތިޒާމުކޮށްފައިވާ މަހާސިންތާއެކެވެ.
އިސްލާމީ ވުޒާރާއިން ކުރިއަށްގެންދަވާ ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ވަނީ ތަމްރީނުކޮށްފައެވެ.
އެ ވުޒާރާއިން މިއަދު ފެށި މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނަށާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށެވެ. އަދި އޭގެ އިތުރުން އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ވެސް މި ފުރުޞަތު ދީފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ. މި ޕްރޮގްރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާނުންނަށް މި ދާއިރާއިން ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. މިގޮތުން މިހާތަނަށް މި ޕްރޮގްރާމްގެ ފަސް ބުރެއް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ގްރޭޑް 10، 11، އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިންމާފައިވާ 18 އަހަރު ނުފުރޭ ކުދިންނަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!