ނޯވޭގެ އަވަހާރަވި ރަސްގެފާނު ހަރަލްޑްގެ ދައްތާފުޅު، ޕްރިންސެސް އަސްޓްރިޑް އުމުރުފުޅުން 94 އަހަރުގައި އަވަހާރަވެއްޖެއެވެ.
އެކަމަނާ އަވަހާރަވެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ކަމަށް ނޯވޭގެ ޝާހީ ގަނޑުވަރުން އާންމުކުރި ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދީފައެވެ.
ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ރަސްގެފާނު ހާކޮން 8 ވަނަ ވިދާޅުވީ، ޕްރިންސެސް އަސްޓްރިޑްގެ ދިގު ހަޔާތްޕުޅުގައި އެކަމަނާ ވަނީ އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު ނޯވޭގެ ޝާހީ އާއިލާ ތަމްސީލުކޮށްދެއްވާފައި ކަމަށެވެ.
އުފަންވެވަޑައިގަތީ 1932 ވަނަ އަހަރު ކަމަށްވާ ޕްރިންސެސް އަސްޓްރިޑަކީ، އޭރުގެ ކްރައުން ޕްރިންސް އޯލާވް އާއި ކްރައުން ޕްރިންސެސް މާާތާގެ ދެވަނަ ދަރިކަނބަލުންނެވެ. އެކަމަނާގެ މަންމާފުޅު 1954 ވަނަ އަހަރު އަވަހާރަވުމާ ގުޅިގެން، އުމުރުފުޅުން އެންމެ 22 އަހަރުގައި ނޯވޭގެ ފަސްޓް ލޭޑީގެ މަގާމުގެ މަސްއޫލިއްޔަތުތަކާ އެކަމަނާ ހަވާލުވެވަޑައިގަތެވެ.
ޕްރިންސެސް އަސްޓްރިޑް ނޯވޭގެ ފަސްޓް ލޭޑީގެ ދައުރު އަދާކުރެއްވުން ކުރިއަށް ގެންދެވީ 1961 ވަނަ އަހަރާ ހަމައަށެވެ. އެއީ ވިޔަފާރިވެރިއެއް ކަމަށްވާ ޖޯން މާޓިން ފާނާއާ އެކަމަނާ ކާވެނިބައްލަވައިގަތް އަހަރެވެ.
ކާވެނިބައްލަވައިގަތުމަށްފަހު، އެކަމަނާގެ އާންމު ހިދުމަތްތަކުގެ ބޮޑު ބައެއް ހާއްސަކުރެއްވީ އިޖުތިމާއީ އަދި ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށެވެ. އެގޮތުން، ލިޔުމާއި ކިޔުމުގައި ދަތިތައް ކުރިމަތިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އެކަމަނާ ވަނީ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ.
ޕްރިންސެސް އަސްޓްރިޑްގެ ކޮއްކޯފުޅު، ރަސްގެފާނު ހަރަލްޑް، ތަހުތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވުމަށްފަހު، އުމުރުފުޅުން 89 އަހަރުގައި އަވަހާރަވީ ވޭތުވެދިޔަ މަހުއެވެ. އަދި ޕްރިންސެސް އަސްޓްރިޑް އެންމެ ފަހުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައިވަނީ ސެޕްޓެމްބަރު 9 ވީ ބުދަ ދުވަހު ބޭއްވި ރަސްގެފާނު ހަރަލްޑްގެ ޖަނާޒާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!