ހުޅުމާލެ ފޭސް 1 ގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ސްޕެޝަލް އެންފޯސްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

Ad
rt

މި އޮޕަރޭޝަންގައި ހުޅުމާލެ ކޮރަލް ސީ9 ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 22 އަހަރުގެ ތުޝާރު ގާޒީ އާއި އުމުރުން 30 އަހަރުގެ ނޮބީ ނޫރް އެވެ. މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންނެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރުމަށްފަހު އެ މީހުން ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 29 ފުޅި ބަނގުރާ ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.