ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، މިއަދު ޢައްޔަނުކުރައްވައިފިއެވެ.

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ.

Ad
rt

އައު އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަނުކުރުމަށް ނިންމެވީ، މިހާރު އެ މަގާމުގައި ހުންނެވި އަހްމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު އަންނަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް ހަމަވާތީއެވެ.

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް، އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ އިސް މަޤާމުތަކެއް އޭނާ ވަނީ އަދާކުރައްވާފައެވެ.

ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ. މީގެއިތުރުން އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ، އަދި ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހުގެ ދާއިރާއިން ގިނަ ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 13 ޖުލައި 2014 ގައި އުފެއްދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންމެ އިސްވެރިޔަކީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އައްޔަންކުރައްވާ އިންފޮމޭޝަން ކޮމިޝަނަރެވެ. އިންފޮމޭޝަން ކޮމިޝަނަރަކީ ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ މިނިވަން ބޭފުޅެކެވެ.