ގައްޒާ ސިޓީގެ ޒައިތޫން އަވަށުގައި އިސްރާއީލުން ދިން ހަމަލާތަކުގައި ސިއްކަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ފެނުނު 100 ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑާއި ބައިތައް ފަސްދާނުލުމަށް ބޭއްވި ބޮޑު ޖަނާޒާގެ ހިނގާލުމުގައި ފަލަސްތީނުގެ އެތައް ބަޔަކު ބައިވެރިވެއްޖެއެވެ.

އާދީއްތަ ދުވަހު ބޭއްވި މި ޖަނާޒާގައި މަރުވި މީހުންގެ އާއިލާތަކުގެ އިތުރުން މުޖުތަމަޢުގެ އިސްފަރާތްތަކާއި ސިޔާސީ ޝަޚްސިއްޔަތުތައް ބައިވެރިވިއެވެ.

Ad
rt

ހަލާކުވެފައިވާ އިމާރާތްތަކުގެ ކައިރީގައި ފަލަސްތީނުގެ ދިދަ އޮޅާފައިވާ ހަށިގަނޑުތައް ބެހެއްޓުމަށްފަހު، ކަށުނަމާދަށްފަހު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ޒައިތޫން އަވަށުގައިވާ އަލް-އަހުލީ ގަބުރުސްތާނުގައެވެ. މި ހަފްލާގައި ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރި ގައްޒާގެ ސިވިލް ޑިފެންސްގެ ފަރާތުންނާއި، މަރުވި މީހުންގެ އާއިލާތަކުގެ ފަރާތުން އަދި މުޖުތަމަޢުގެ އިސްފަރާތްތަކުން ތަގުރީރު ކުރިއެވެ.

މި ހަށިގަނޑުތަކަކީ ޖުލައި 19 ގައި ފެށި މަޝްރޫޢުގެ ދެވަނަ ފޭސްގެ ދަށުން، ފާއިތުވި ދުވަސްތަކުގައި ސިވިލް ޑިފެންސްގެ ޓީމުތަކުން ހޯދި ހަށިގަނޑުތަކެކެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި، މި މީހުންނަކީ މީގެ ދެ އަހަރަރާއި ބައި ކުރިން އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި މަރުވި ރަހީމް، ބަލާވީ، މަލަކާ، ގަންބޫރު އަދި ސަލްމީ އާއިލާއަށް ނިސްބަތްވާ މީހުންނެވެ.

އިމާރާތްތަކުގެ ދަށުން ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ސިވިލް ޑިފެންސުން ކުރަމުންދަނީ ވަރަށް ދަތި ހާލަތެއްގައެވެ. އިސްރާއީލުން ބަރު އާލާތްތައް ގައްޒާއަށް ވަދެވޭނެ މަގު ބަންދުކޮށްފައިވުމުގެ ސަބަބުން، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ މަދު އެކްސްކަވޭޓަރުތަކަކާއި ހަލާކުވަމުންދާ އާލާތްތައް ބޭނުންކޮށްގެންނެވެ.

ހިސާބުތަކަށް ބަލާއިރު، އާދީއްތަ ދުވަހު ބޭއްވި މި ޖަނާޒާއަކީ ފަލަސްތީނުގެ ތާރީޚުގައި އެއްފަހަރާ އެންމެ ގިނަ ހަށިގަނޑު ފަސްދާނުލީ އެއް ޖަނާޒާއެވެ. މީގެ ކުރިން އޯގަސްޓް މަހުގެ ކުރީކޮޅުވެސް ސަބްރާ އަވަށުގެ އިމާރާތްތަކުގެ ދަށުން ފެނުނު 112 މީހެއްގެ ޖަނާޒާ ބާއްވާފައިވެއެވެ. މަޝްރޫޢުގެ ދެވަނަ ފޭސްގެ ދަށުން ގައްޒާ ސިޓީއާއި އުތުރާއި މެދުތެރޭގެ 147 އިމާރާތެއްގެ ދަށުގައިވާ 1,072 ހަށިގަނޑު ހޯދުމަށް 800 ގަޑިއިރުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފޭސް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ފަށާފައިވާއިރު، 500 ގަޑިއިރުގެ މަސައްކަތުން 54 އިމާރާތެއްގެ ދަށުގައިވާ ކަމަށް ބެލެވުނު 559 މީހުންގެ ތެރެއިން 333 މީހެއްގެ ހަށިގަނޑާއި ބައިތައް ވަނީ ހޯދިފައެވެ.

2025 އޮކްޓޯބަރު 10 އިން ފެށިގެން އަމަލުކުރަމުންދާ ހަމަލާތައް ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން، ހަށިގަނޑުތައް ހޯދުމަށް ބޭނުންވާ ބަރު އާލާތްތައް އެތެރެކުރުމުގެ ހުއްދަ އިސްރާއީލުން ދޭންޖެހޭނެ ކަމަށް ފަލަސްތީނުގެ އިދާރާތަކުން ބުނެއެވެ. މި ހަމަލާތައް ހުއްޓާލާފައިވަނީ ގާތްގަނޑަކަށް ދެ އަހަރު ދުވަހަށް ދެމިގެންދިޔަ އިސްރާއީލުގެ ހަމަލާތަކުގައި 73,000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން މަރުވެ، 174,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، އާންމު ވަސީލަތްތައް ހަލާކުވެފައިވަނިކޮށެވެ.