ތިލަމާލެ ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތަށް ގޮސް، އިރާދަކުރެއްވިއްޔާ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މިއަދު ހަވީރު މާލެއިން ވިލިމާލެއަށް ފައިމަގުގައި ބޭއްވި ހިނގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ.

Ad
rt

ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖަކީ ދިވެހިރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގާތް ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އުމުރާނީ މަޝްރޫޢެއް ކަމަށެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ)ގެ ދަށުން މާލެއާއި ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން، ޚާއްޞަކޮށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާ އަހަންމިއްޔަތުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ބޮޑުވަޒީރު މޯދީއަށާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންގެ އިތުރުން އެ މަސައްކަތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ދެ ޤައުމުގެ ޓީމުތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މި ބުރިޖު އެއްކޮށް ނިމުމުން މުޅި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ހުއްޓިފައި ނުވަތަ ލަސްވެފައި ހުރި ބޮޑެތި މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމުމަށް އިސްކަންދެއްވާ ކަމަށާއި، އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލާއި ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ހިނގާލުމުގެ ހަރަކާތް ނިންމާލުމަށްފަހު ރައީސް ވިލިމާލެއަށް ވަޑައިގަތުމުން، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.