ވެރިރަށް މާލެއާއި އެއާޕޯޓް އަދި ހުޅުމާލެ ގުޅުވާލަދެމުން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ހުޅުވިގެން ދިޔައީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ރަޙްމަތްތެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ނިޝާނެއްގެ ގޮތުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ސިނަމާލެ ބްރިޖަށް އަހަރު ފުރުމުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ ހަމައެކަނި އުމްރާނީ ވަސީލަތެއް ނޫން ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އެއްބައިވަންތަކަމާއި، ދެ ޤައުމުން އެކުގައި ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ދައްކުވައިދޭ މަޝްރޫޢެއް ކަމަށެވެ.
އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ލީޑަރޝިޕްގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވައި، ރައްޔިތުންނަށް އައު ފުރުޞަތުތައް ފަހިވެ، ކުރިމަގަށް އައު ދޮރުތަކެއް ހުޅުވެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، މި އެކުވެރިކަން ދަމަހައްޓައި، ޗައިނާއާއެކު އިތުރަށް ވަރުގަދަ ގުޅުމެއް ބިނާކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.
މި މުނާސަބަތާއި ގުޅިގެން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ވެސް ވަނީ މީސްމީޑިއާގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިނަމާލެ ބްރިޖަކީ ގުޅާލެވުނު ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ބްރިޖެކެވެ.
ޗައިނާއާއި ދިވެހިރާއްޖޭގެ ވެރިން އެއްބަސްވެވަޑައިގެން، ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގައި ބިނާކުރެވުނު މި ތާރީޚީ ބިޔަ މަޝްރޫޢަކީ ދިވެހި ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ވަރަށް ބޮޑު އުންމީދެއްކަމުގައި ޗައިނާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރިން މާލެއާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމަށް މުޅިންހެން ބަރޯސާވާން ޖެހިފައި އޮތީ ބޯޓުފަހަރަށް ކަމަށްވުމުން އޭރު ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ވެސް ޗައިނާ އެމްބަސީން ވަނީ ފާހަގަކޮށްފައެވެ.
ޖުމްލަ 1.39 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގައި ކާރާއި ސައިކަލު އަދި ހިނގާ މީހުންނަށް ވަކި ލޭންތަކެއް ޚާއްޞަކޮށްފައިވެއެވެ. 30 އޯގަސްޓު 2018 ގައި ހުޅުވުނު މި ބްރިޖުގެ ސަބަބުން ގުޅާލެވުނު ސަރަޙައްދުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!