ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އެޅުނު ފުރަތަމަ ކަނޑު ހުރަސް ބްރިޖްގެ ގޮތުގައި، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) ވެގެން ގޮސްފައިވަނީ ގުޅާލެވުނު ރަށްތަކުގެ މެދުގައި ދަތުރުފަތުރުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށްދީ، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދިން ބްރިޖަކަށް ކަމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ބުނެފިއެވެ.

ސިނަމާލެ ބްރިޖަކީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވައިދޭ މުހިންމު ބްރިޖެކެވެ. 30 އޯގަސްޓު 2018 ގައި ހުޅުވުނު މި ބްރިޖަށް މާދަމާ އަށް އަހަރު ފުރޭނެއެވެ. މި މުނާސަބަތާއި އަދި ރާއްޖޭގެ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކައުންޓްޑައުންގެ އެންމެ ފަހު ދުވަހާ ގުޅުވައިގެން ޗައިނާ އެމްބަސީން ވަނީ މީސްމީޑިއާގައި ޚާއްޞަ ޕޯސްޓެއް ހިއްސާކޮށްފައެވެ.

Ad
rt

ޗައިނާއާއި ދިވެހިރާއްޖޭގެ ވެރިން އެއްބަސްވެވަޑައިގެން، ޗައިނާގެ ހިލޭ އެހީއާއި ލޯނު އެހީގައި ބިނާކުރެވުނު މި ތާރީޚީ ބިޔަ މަޝްރޫޢަކީ ދިވެހި ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ވަރަށް ބޮޑު އުންމީދެކެވެ. ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް ނަމަވެސް، މީގެ ކުރިން ރާއްޖޭގެ ވަކިވަކި ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް މުޅިންހެން ބަރޯސާވާން ޖެހިފައި އޮތީ ބޯޓުފަހަރާއި ސީޕްލޭންތަކަށް ކަމަށްވުމުން ދަތުރުފަތުރު ކުރުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.

ޖުމްލަ 1.39 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ބްރިޖުގައި ކާރާއި ސައިކަލު އަދި ހިނގާ މީހުންނަށް ވަކި ލޭންތަކެއް ޚާއްޞަކޮށްފައިވެއެވެ. މި ބްރިޖުގެ ސަބަބުން ގުޅާލެވުނު ސަރަޙައްދުތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ވަނީ ލިބިގެން ގޮސްފައެވެ.