އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރުކަމާއި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރެއްވި ހިސާން އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެންކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފަވެއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ހިސާން ވިދާޅުވީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އޭނާ ނައިބު ރައީސްކަމަށް އައްޔަން ކުރެއްވި ޕާޓީގެ ރައީސް އިސްތިއުފާ ދެއްވުމުން ކަމަށެވެ. ޕާޓީގެ ރައީސް އިސްތިއުފާ ދެއްވުމުން، ޑިމޮކްރެސީގެ ރީތި އުސޫލުތަކާއި ހަމަތަކަށް ރިއާއަތްކޮށް، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރެސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ޕާޓީގެ އާންމު މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ހިސާން ސިޓީގައި ވިދާޅުވިއެވެ.
ހިސާން، އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ 24 ޖުލައި 2024 ގައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށްޓަކައި ޕާޓީގެ ރައީސްގެ މަގާމުން ޝާހިދު އިސްތިއުފާ ދެއްވީ މި މަހުގެ 14 ވަނަ ދުވަހުއެވެ. ޝާހިދު އެމްޑީޕީގެ ރައީސްކަމަށް އިންތިހާބުވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ނަޝީދު 2023 ވަނަ އަހަރު އިސްތިއުފާ ދެއްވައި، އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު މާލީ، ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވެސް ވަނީ އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!