ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ވ. ކެޔޮދޫއިން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދޭލިޔާގެ، ވ. ކެޔޮދޫ، އަޙްމަދު ފާޒިލް (31އ) އެވެ.
ފާޒިލް އަކީ ވޮލީ ބޯޅައިގައި މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވޮލީ ގައުމީ ޓީމަށް ވެސް ކުޅެފައެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މި އޮގަސްޓު މަހުގެ 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފާޒިލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!