ހދ. ފެންބޯ ހުރާއިން، ދަރާއި ފަން އަދި ކާށި، މަކުނުދޫގެ ރައްޔިތުންނަށް ދޫކުރާ ގޮތަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މަކުނުދޫ ކައުންސިލްއިން ނެރުނު އިޢުލާނުގައި، ދަރާއި ފަން އަދި ކާށި ދޫކުރާ އުޞޫލްތައް ބަޔާންކޮއްފައިވެއެވެ.

Ad
rt

އެ ގޮތުން:

  • ދަރުގެ ގޮތުގައި ދޫކުރެވޭނީ ފަލަ މިނުގައި ހަ އިންޗިއަށްވުރެ ފަލަ ނޫން، ގަސްގަހުގެ ހިކިފައި ހުންނަ ގޮފި
  • ރޯފަންކެނޑުމާއި ރޯދަރު ކެނޑުމަކީ މަނާކަމެއް
  • ހޭޅިފަށުން އެއްވެސް ބާވަތެއްގެ ދަރެއް ކެނޑުމަކީ މަނާކަމެއް (ހޭޅިފަށް ކަމުގައި އެ ބަލާނީ ގޮނޑުދޮށުގެ ގަސްފެޅި ހިސާބުން ފެށިގެން، އެއްގަމަށް 45 ފޫޓު ހިމެނޭ ސަރަހައްދު)
  • ކާށި ދޫކުރެވޭނީ ކައުންސިލުން ކާށި ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލުން

ފެންބޯހުރާއިން ދަރު ކެނޑުމާއި ފަން އަދި ކާށީގެ މުޢާމަލާތްތައް ކުރުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޝަހުމާ އާދަމްއާ ގުޅުއްވުމަށް އެ އިޢުލާނުގައި ބުނެފައިވެއެވެ.

ފެންބޯހުރާއަކީ މަކުނުދޫއާ ގާތްގަނޑަކަށް އެއް ކިލޯމީޓަރ ދުރުގައި އޮންނަ ފަޅުރަށެކެވެ. މި ރަށަކީ މިހާރު މަކުނުދޫ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ، މަކުނުދޫގެ ރައްޔިތުން ދަތުރުދިއުމަށާއި، އެކިއެކި ބޭނުންތަކަށް ބޭނުންކުރާ ރަށެކެވެ.