ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއާ ބޭންކް (އެމްޕީބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް އިފުތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތްތައް އިފުތިތާޙުކޮށްދެއްވާފައިވަނީ ބާސެލޯ ނަސަންދުރާގައި މިރޭ ބޭއްވެވި އެ ބޭންކުގެ އިފުތިތާޙީ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޕީ.ބީގެ މޯބައިލް އެޕްލިކޭޝަން ކަމަށްވާ 'އެމް.ޕީބީ ޕްލަސް' އަދި އިންޓަރނެޓް ބޭންކިންގ ޚިދުމަތް ރަސްމީކޮށް ލޯންޗުކޮށްދެއްވާފައެވެ.
އެމް.ޕީ.ބީ އަކީ ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. އެ ބޭންކުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ އަދި އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކިވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ކޯޕަރޭޝަންތަކަށް ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުޞަތުތައް ހޯދައިދިނުމެވެ.
އެ ބޭންކުން ހާމަކުރައްވާފައިވާ ގޮތުގައި، އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތް ފޯރުކޮށްދިނުމަށެވެ.
މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރނަރ އަޙްމަދު މުނައްވަރާއި އަދި ދާއިރާގެ އެކިފަންތީގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މޯލްޑިވްސް ޕްރިމިއާ ބޭންކަށް އެމްއޭގެ އޮޕަރޭޓިން ލައިސެންސް ލިބުނީ 2026 ވަނަ އަހަރުގެ މެއި މަހުއެވެ. އޮގަސްޓް 2026 ގައި މި ބޭންކު ރަސްމީކޮށް އިފްތިތާހުކޮށް ފުރަތަމަ ބްރާންޗާއި ހެޑް އޮފީސް ވަނީ ހުޅުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!