ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކާ އެއްގޮތަށް، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މިހާރު ހިންގަމުން އަންނަ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަ ނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
"ވީމާ، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން، އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކައި ހަލާސްކުރުމަށް އެދި ދެންނެވީމެވެ." މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
މި ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިނިސްޓްރީން ބުނި ނަމަވެސް، އަޅަނީ ސީދާ ކޮން ފިޔަވަޅުތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތަށް ލިބެންޖެހޭ އާމްދަނީ ގަވާއިދުން ހޯދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތަކަށް ވާއިރު، ފަތުރުވެރިކަމުގެ ބޭނުމަށް ތަންތަން ކުއްޔަށް ހިފާފައިވާ އެންމެހައި ފަރާތްތަކުން ދައްކަންޖެހިފައިވާ ފައިސާ އެއްބަސްވުމާ އެއްގޮތަށް ވީ އެންމެ އަވަހަކަށް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!