ށ. ގޮއިދޫ ކައުންސިލުން އެރަށު އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ބާއްވާ ބަށި މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

"ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2026" ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ހޭންޑްބޯލް މުބާރާތަށް އެދެވޭ ތަރުޚީބެއް ލިބިފައިނުވާތީ، ކައުންސިލުން ނިންމާފައިވަނީ އޭގެ ބަދަލުގައި ބަށި މުބާރާތެއް ކުރިއަށް ގެންދިޔުމަށް ކަމަށް އެ ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

Ad
rt

" 2017 ވަނަ އަހަރުން ފެށިގެން މި ރަށުގައި މި ވަނީ ބަށި ކުޅުން ހުއްޓުމަކަށް އައިސް. ކުޅިވަރު ފިއެސްޓާގައި ބަށި މުބާރާތެއް ބޭއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ޒުވާނުންގެ ދުވަހު މި ރަށުގައި ބޭއްވުނު އެކުވެރިކަމުގެ ބަށި މެޗަށް ލިބުނު ތަރުޚީބުގެ ސަބަބުން. އެހެންވެ، އަލުން ކައުންސިލުން ބޭނުންވަނީ މި ރަށުގެ ކަނބަލުންގެ މެދުގައި ބަށި ކުޅުން ކުލަގަދަކޮށް ތަޢާރަފް ކުރުމަށް." ކައުންސިލް މެމްބަރ އާއިޝަތު ޝީޒާ " ތިލަދުން" އަށް ވިދާޅުވިއެވެ.

މި މުބާރާތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 20 އޯގަސްޓް 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން 7358684 އަދި 9144005 ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓު ކުރެއްވުމަށް ގޮއިދޫ ކައުންސިލުން އެދިފައިވެއެވެ.

ބަށި ކުޅުމަކީ، ދިވެހިރާއްޖޭގެ ސަގާފީ އަދި ތާރީޚީ ކުޅިވަރެކެވެ. ޚާއްޞަކޮށް އަންހެނުންގެ މެދުގައި ޢީދު ފަދަ މުނާސބަތުތަކުގައި ވަރަށް ފޯރިއާއެކު ކުޅެމުން އަންނަ ޓީމް ކުޅިވަރެކެވެ.