ޝިފާ އަކީ އާއިލާގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މަންމައާއި ބައްޕަގެ " ޕްރިންސަސް"އެވެ. ބޭބެ މެންގެ " ބޭބީ" އެވެ. އެންމެން ވެސް ޝިފާދެކެ އިންތިހާއަށް ލޯބިވެއެވެ. ކޫރުމެއް ވެސް ނާޅުވައި، ބިއްލޫރިކޮޅެއް ފަދައިން އެ މީހުން ޝިފާ ބޮޑުކުރީ ރިވެތި ތަރުބިއްޔަތާއެކުއެވެ. އިސްލާމީ ޒީނަތުން، ރިވެތި ސިފަތައް ޝިފާގެ ކިބައިގައި ހަރުލެއްވުނީ ވެސް ދީނީ ކަންކަމަށް މަންމައާއި ބައްޕަ ދޭ ޚާއްސަ އަހަންމިއްޔަތަކުންނެވެ.

އޭނާއަކީ ރީތި ކުއްޖެކެވެ. ރަށުގެ ފިރިހެންކުދިންގެ އުނދަގޫ ބޮޑު ކަމުން ، ބޭބެމެން އަބަދުވެސް ޝިފާއަށް ރައްކާތެރިކަމާއި ޙިމާޔަތްދިނެވެ. އެފަދަ ގޯސް ކަންކަމުން ސަލާމަތްވުމަށް ޝިފާއަށް ހިތްވަރު ދިނެވެ. އެ ގުޅުން ތަކަކީ މާތްﷲ ޞުބްޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވާ ގުޅުންތަކެއްކަމުގައި ބުނެދިނެވެ. ޒަމާނަށް އަންނަ ބަދަލުތަކުން މިހާރުގެ ކުދިންނަށް އެއީ އާންމު ކަމަކަށް ވިޔަސް، މާތްﷲ ޞުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅު ބަަދަލު ނުވާނެކަމަށް ވިސްނައިދިނެވެ. ޝިފާއަކީ ބަސްއަހާ ކުއްޖެއްކަމުން އާއިލާގެ ވާހަކަ އޭނާ އަބަދުވެސް ޤަބޫލު ކުރެއެވެ.

Ad
ooredoo

ސްކޫލް ދައުރު ނިންމާލުމަށްފަހު ޝިފާ ޓީޗިން ހެދުމަށް މާލެ ބަދަލުވީ އޭނާގެ ދޮންބެދައްތަ ކައިރިއަށެވެ. 18 އަހަރު ވުމާއެކު ކައިވެންޏެއް ކުރުމުގެ ޚިޔާލު ޝިފާގެ ސިކުނޑިއަށް ސަވާރު ވެއްޖެއެވެ. އެކުގައި އުޅޭ އެކުވެރިން " ބިޓުން " ނަގައިގެން އުޅޭތީ ޝިފާ ވެސް މީހަކާ އިންނަ ހިތްވީއެވެ. އެހެންވެ، އެ ވާހަކަ އޭނާ ހިއްސާކުރީ އެންމެ އެކުވެރި ޒީނާއާއެވެ.

ދުވަސްކޮޅެއްގެ ތެރޭގައި ޝިފާއަށް، ޒީނާ މީހަކު ހޯދައިދިނެވެ. ޝިފާގެ ޝަރުޠަކަށް ވާ، ދީންވެރި މީހެކެވެ. އަލަށް ވެސް ކައިވެންޏެއް ނުކުރާ މީހެކެވެ.

" ކައިވެނީގެ ކުރިން ބައްދަލް ކުރާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ހަމައެކަނި ހުޝާމް ބަލައިލަން. " ޝިފާގެ އެދުމަކީ އެއީއެވެ.

ދުވަހުގެ ހަވީރުގެ ވަގުތެވެ. ދައްތަގޭ ދޮރުމައްޗަށް ޝިފާ ނިކުތީ ހުޝާމް އަންނާނެ ވާހަކަ ބުނުމުންނެވެ. އޭރު ވެސް އޭނާގެ ހިތަށް ވެރިވެފައިވަނީ ބިރުވެރިކަމެވެ. ކުއްލިއަކަށް ސައިކަލެއްގައި އޭނާގެ ކުރިމައްޗަށް އައިސް އެ ހުއްޓުނީ ހުޝާމެވެ. ބޭއިޙްތިޔާރުގައި ޝިފާއަށް ހިނިތުންވެލެވުނެވެ. ހުޝާމް ވެސް ހުރީ ލުއި ހިނިތުންވުމެއްގައެވެ.

ހުޝާމްގެ މޫނުމަތީގައި ވަނީ ސާދާ ކަމެވެ. އޭނާގެ ދިގު އިސްކޮޅާއި ފަންފަން އިސްތަށިގަނޑުގަނޑު ޝިފާއަށް ކަމުދިޔައެވެ. ދިގުކޮއްފައިވާ އޭނާގެ ތުނބުޅި، އެ މޫނާ ނުހަނު ގުޅެޔޭ ވެސް ޝިފާގެ ހިތަށް އެރިއެވެ. ޝިފާއަށް ހުޝާމް ރީތިވިއެވެ. އޭނާގެ މަޑުމައިތިރި އަޚްލާޤާއި ދީންވެރިކަމާއި، އޭނާގެ ރަނގަޅު ވާހަކަ ކުރިން އޮތީ ޒީނާ ކިޔައިދީފައެވެ. އެހެންވެ އެންމެ ފަހު ކަމަކަށް ޝިފާ ބޭނުންވީ ހަމަލޮލުން ހުޝާމް ދެކިލާށެވެ. ދެ މީހުންގެ މެދުގައި އެއްވެސް މުޢާމަލާތެއް ނުހިނގައެވެ. ހިނިއައިސް ހުރެ، ހުޝާމް ސައިކަލް ދުއްވާލީ، ޝިފާ އެތެރެއަށް ވަނުމުންނެވެ.

" އަހަރެން ހިއެއް ނުކުރަން އަދި އެހާ ރީތި ކުއްޖެއް ކަމަކަށް." ހުޝާމް، ޒީނާ ގާތު ބުންޏެވެ. އަދި ޝިފާއާ ކައިވެނިކުރަން ތައްޔާރުކަމަށް ވެސް އޭނާ ބުންޏެވެ.

ޝިފާގެ އާއިލާގެ ތެރޭގައި ކަންބޮޑުވުން އުފެދިއްޖެއެވެ. ނުވެސް ދަންނަ މީހެއްގެ އަތްމައްޗަށް ދަރިފުޅު ދޫކޮއްލުމަށް ޝިފާގެ ބައްޕައަކަށް ނުކެރުނެވެ. ހުޝާމަކީ ދެކެފަރިތަ މީހެއް ނޫނެވެ. ރަށު މީހެއް ވެސް ނޫނެވެ. އޭނާ ދަންނަ މީހަކު ވެސް ނޫޅެއެވެ. ނަމަވެސް ހުޝާމްއާ ވާހަކަ ދެއްކުމަށްފަހު އެ ކައިވެންޏަށް ޝިފާގެ ބައްޕަ އެއްބަސްވީ ހުޝާމްއަށް ވަރަށް އިތުބާރު ކޮއްފައެވެ.

ކައިވެނީގެ ކުޑަ ވަލީމާއަށް ފަހު ޝިފާ ހުޝާމްގެ ގެއަށް ދިޔަ ފުރަތަމަ ދުވަހެވެ. އޭނާ ދިރިއުޅެނީ ދެ ކޮޓަރީގެ ވަރަށް ބައު، ވަރަށް ކުޑަކުޑަ އެޕާޓްމަންޓެއްގައެވެ. ހުޝާމްގެ މަންމައަކީ ބަލި މީހެކެވެ. އޭގެ އިތުރުން އޭނާގެ ހުންނަނީ އެންމެ ބޭބެއެކެވެ.

" ބައްޕަ ނިޔާވަންދެން އަހަރެމެން އުޅުނީ ރަށުގައި. ދެން މާލެ ބަދަލުވީ މި ތަނަށް. އޭގެ ފަހުން އަހަރެމެން އުޅެނީ މިތާ. " ހުޝާމް ކިޔައިދިނެވެ.

ޝިފާ، ހުޝާމްއަށް ހިތްވަރު ދިނެވެ. ކިތަންމެ ކުޑަ ގެއެއްގައި، ދަތި ދިރިއުޅުމެއް އުޅެން ޖެހުނުކަމުގައި ވިޔަސް، ދީނީ ކަންކަމަށް ހުޝާމް ލޯބިކުރާތީ އުފާވާ ކަމަށް އޭނާ ބުންޏެވެ.

ޝިފާ އެ ގެއަށް އައުން ވެގެން ދިޔައީ ހުޝާމްގެ ގެ ރޯޝަން ވެގެން ދިޔަ ސަބަބަކަށެވެ. އުފާވެރި، މަޖާ މިޒާޖެއްގެ ޝިފާ އުޅެމުން ދިޔައީ އެ އާއިލާގެ މީހުންނާ ވަރަށް ގުޅިގެންނެވެ. ހުޝާމްގެ ދުރުތާ ތިމާގެ މީހުން ވެސް އެ ގެއަށް ޒިޔާރަތް ކުރަން ފެށިއެވެ. އެކަމާމެދު އެންމެ އުފާވަނީ ޝިފާގެ މައިދައިތައެވެ.

މައިދައިތައަކީ ގިނަ ބަލިތަކެއް ތަޙައްމަލް ކުރަމުންދާ މީހެއްކަމުން ޝިފާގެ ސަމާލުކަމާއި އަޅާލުމުގެ އިތުރުން ލޯބި ވެސް މައިދައިތައަށް ލިބެމުންދިޔައެވެ. ޤަވާޢިދުން ޑޮކްޓަރަށް ދެއްކުމާއި ގަޑިއަށް ބޭސް ދިނުމުގެ ޒިންމާ ވެސް ފަރުވާތެރިކަމާއެކު ކުރަމުން ދިޔައީ ޝިފާއެވެ. ހުޝާމާ ކައިވެނި ކުރި އިރު ވެސް ޝިފާ ދިޔައީ ޓީޗިން ހަދަމުންނެވެ. ނަމަވެސް ހުޝާމްގެ މާލީ ޙާލަތު ހުރި ގޮތުން އިތުރަށް އޭނާއަށް ކިޔެވޭގޮތެއް ނުވިއެވެ. ހުޝާމަށް އެހީވުމަށްޓަކައި އޭނާ ވަނީ ވަޒީފާއަށެވެ.

އެ ހިސާބުން އެ އާއިލާގެ ބޮޑެތި ޒިންމާތަކާ ޝިފާއަށް ޙަވާލުވާން ޖެހުނެވެ. ލިބޭ މުސާރަ ގެއަށް ޚަރަދު ކުރުމުގެ އިތުރުން ހުޝާމް ފަށައިގެން އުޅޭ ކުޑަ ވިޔަފާރި ފުޅާކުރުމަށްޓަކައި ވެސް އޭނާ އެހީވާން ފެށިއެވެ. ކުރު ގޮތަކަށް ބުނާނަމަ ޝިފާއަށް ލިބޭ މުސާރަ އެއްކޮށް ދެނީ ހުޝާމަށެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ސެޝަން ނިންމާލުމަށްފަހު، ނިކުތް އިރު ސްކޫލް ގޭޓު ދޮރުމަތީގައި ހުޝާމް އިނެވެ. ހެވިފައި ހުރެ ޝިފާ ގޮސް ސައިކަލަށް އެރުމާއެކު ހުޝާމް ވާހަކަ ދައްކަން ފެށިއެވެ.

" ހިނގާބަ އެއްޗެއް ދައްކާލާނަން. ސަޕްރައިޒެއް." ހުޝާމް ބުންޏެވެ.

ހުޝާމަކީ އެއްގޮތަކަށް ވެސް ސަޕްރައިޒް ދޭ މީހަކަށް ނުވާތީ ޝިފާ އިނީ ހައިރާންކަމެއްގައެވެ.

ހުޝާމް ގޮސް ސައިކަލް މަޑުކޮއްލީ މަގެއްގެ ކަންމައްޗަށެވެ. ވަށައިގެން ޝިފާ ބަލަމުން ދިޔައީ ވަކި ޚާއްސަ އެއްޗެއް އެ ތަނުގައި ހުރިތޯއެވެ. ނަމަވެސް އެ ތާކުން އެއްވެސް ތަފާތުކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ.

ދިހަ ފަންގިފިލާގެ އުސް އިމާރާތަކާ ދިމާލަށް ހިނގައިގަންނަމުން އޭނާގެ ފަހަތުން އައުމަށް ހުޝާމް އެދުނެވެ. ސުވާލުގެ ނަޒަރަކުން ޝިފާ، ހުޝާމަށް ބަލަމުން އޭނާގެ ފަހަތުން ދިޔައީ ހާސް ހިތަކައިގެންނެވެ. ލިފްޓް ގޮސް ދިހަވަނަ ފަންގިފިލާއަށް ހުއްޓުމާއެކު، ހުޝާމްގެ ޖީބުން ތަޅުދަނޑި ނެގިތަން ޝިފާއަސް ފެނުނެވެ. ވަރަށް ފުރިހަމައަށް ހަދާފައި ހުރި އެ އެޕާޓްމަންޓް ހީވަނީ ފެންވަރު ރަނގަޅު ގެސްޓްހައުސް އެއް ހެންނެވެ.

" މި ތަން ކުއްޔަށް ނެގީތަ؟" ޝިފާ ސުވާލު ކުރިއެވެ.

" މި އިމާރާތަކީ އަހަރެންގެ މަންމަގެ ގެ. މިއީ އަހަރެންގެ އެޕާޓްމަންޓް." ހުޝާމް ބުންޏެވެ.

" ދޮގެއް ދޯ؟ ކީއްވެ ނުބުނީ ކުރިން މާލޭގަ ގެ ހުރި ވާހަކަ." ޝިފާއަށް ލިބުނީ ސިހުމެކެވެ.

އަނެއްކާ ވެސް ހުޝާމް ދިނީ އާދައިގެ ޖަވާބުތަކެއް ނޫނެވެ. ޝިފާއަށް ހުރީ ވާނުވާ އޮޅޭ ގޮތް ވެފައެވެ.

"އަހަރެމެންގެ ގެ ހުންނަ ވާހަކަ ކުރިން ބުނިއްޔާ، ފަހަރެއްގައި މާލެއިން މި ވަރުގެ ގެއެއް ބޭނުން ވެގެން ވެސް އަހަންނާ ކައިވެނި ކޮއްފާނެ ދޯ؟" ހުޝާމް ވާހަކަ ދެއްކީ ޝިފާގެ އަތުގައި ހިފާލަމުންނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެ ދަތި ދިރިއުޅުން ދޫކޮށް، ތަނަވަސް، މުއްސަނދި ގެއަށް، ހުޝާމާއެކު ޝިފާ ބަދަލުވިއެވެ. އޭނާއަށް މަދުވާ، އުނިވާ އެއްވެސް ކަމެއް ނެތެވެ. އުޅެން ލިބުނީ ލޮލުން ވެސް ކުރިން ނުދެކޭފަދަ ރީތި ކޮޓަރިއެކެވެ. ބޮޑު ސިޓިންރޫމެކެވެ. ޒަމާނީ ފެންވަރުގެ ބަދިގެއެކެވެ. ފަސޭހަކަމާއި އުފާވެރިކަން އޭނާއަށް އެއްފަަހަރާ ލިބުނު ކަހަަލައެވެ. ފިރިމީހާއާއެކު ވަކިން ދިރިއުޅުމަކީ އޭނާ އަބަދުވެސް ދެކެމުންދިޔަ ހުވަފެނެކެވެ.

ކައިވެނީގެ ފުރަތަމަ އަހަރު ނުހަނު އޮމާންކޮށް ދިޔަ ނަމަވެސް، ދެވަނަ އަހަރު ޝިފާއަށް ވީ އުނދަގޫ އަހަރަކަށެވެ. ހުޝާމްއަށް އަންނަމުން ދިޔަ ބަދަލުތަކަކީ ޝިފާއަށް ކެތްކުރަން އުނދަގޫވިކަމަކަށް ވިއެވެ. ޝިފާއަކީ އާއިލާދެކެ އިންތިހާއަށް ލޯބިވާ ކުއްޖެކެވެ. ނަމަވެސް ޝިފާގެ މައިންބަފައިން ފިޔަވައި އިތުރު އެއްވެސް މީހަކު އެ ގެއަށް ގެނައުން ހުޝާމް މަނާ ކުރިއެވެ. ރައްޓެހިންނާ ގުޅުން ކަނޑާލުމަށް އިންޒާރުދިނެވެ. ޚާއްސަކޮށް ފިރިހެން އެއްވެސް ރައްޓެއްސަކާ ފޯނުން ވެސް އެއްވެސް މުޢާމަލާތެއް ނުކުރެވޭނެކަމަށް އޭނާ ބުންޏެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ޝިފާގެ ހުރިހާ ރަޙްމަތްތެރިން ގެއްލި، އާއިލާގެ މީހުން ވެސް އޭނާއާމެދު ދެކޭ ގޮތް ބަދަލުވުމެވެ.

މާލޭގައި ގެދޮރު ހުރި މީހަކާ އިނދެވުނީމަ ސައިޒް އޮޅުނީކަމަށް ބުނެ، ބަދަލުވީ ކަމަށް ބުނެ، މީހުން އޭނާއަށް ނަފްރަތު ކުރަން ފެށިއެވެ. ސޯޝަލް މީޑިއާގައި މަޖާނަގަމުން ދިޔަ ޝިފާއަށް ޖެހުނީ އެ މަންސަހު އެއްކޮށް ދޫކޮއްލައި މުޅި މީހާ ފޮރުވިގަންނާށެވެ. ސްކޫލްގައި ކިޔަވައިދިނުމާއި އިތުރުު ހަރަކާތަކަށް ފިޔަވައި އެހެން އެއްވެސް ކަމަކަށް ދިޔުމުގެ ހުއްދައެއް ޝިފާއަކަށް ނޯވެއެވެ. މުވައްޒަފުންގެ އެކުވެރިކަމުގައި ބާއްވާ އެއްވެސް ޖާފަތަކަށް ނުވަތަ ޙަފްލާއަކަށް ވެސް އޭނާއަކަށް ބައިވެރިއެއް ނުވެވެއެވެ. މި ހުރިހާ ކަމަކަށް ރުހިގެން ޝިފާ އުޅެމުން ދިޔައީ ލިބޭ ހުރިހާ ފައިސާއެއް ވެސް ހުޝާމަށް ދީގެންނެވެ.

ޅައުމުރުގައި ކައިވެނި ކުރެވުމުން، އެ ކައިވެނި ދަމަހައްޓަން ޝިފާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ދުވަހެއް ދުވަހަކަށް އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ދިޔައީ އަސަރު ކުރަމުންނެވެ.

" ހުޝާމް ބުނާ ހުރިހާ ގޮތަކަށް ރުހިގެން އަހަރެން މި އިންނަނީ. ބަދަލުގައި އަހަންނަށް ވަގުތު ދީބަލަ! " ފުރަތަމަ ފަހަރަށް ޝިފާ ޝަކުވާ ކުރި ދުވަހެވެ.

ހުޝާމްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ހުޝާމް ޤަބޫލުކުރާ ގޮތުގައި އަނބިމީހާ އުޅެންޖެހޭނީ ފިރިމީހާ ބުނާ ކޮންމެ ގޮތަކަށް ރުހިގެންނެވެ. ނަމަވެސް ކޮންމެ ކަމަކަށް ވެސް ހައްދެއް އޮންނަންޖެހޭނެ ކަމަށް ޝިފާ ބުނުމާއެކު ހުޝާމް އިތުރަށް ރުޅި ގަދަވިއެވެ.

" ފިރިމީހާ ބުނާހާ ގޮތެއް އަނބިމީހާ ޖެހޭނީ ހަދަން. އަހަރެން މި ކަންތައް ކުރަނީ ދީނުގައި އޮންނަ ގޮތަށް. ކޮންމެހެން ބޭކާރު މީހުން ގެއަށް ގެނެސް، ކާންދީ ހަދާކަށް ނުޖެހޭނެ." ހުޝާމް ބުންޏެވެ.

" އަހަރެންގެ އާއިލާ، އަހަރެންގެ ބޭބެމެންނަކީ ބޭކާރު މީހުންތަ؟ އެ މީހުންގެ ދަރިން ގެއަށް ގެނެސް ކުޅެ، މަޖާ ކުރަން އަހަރެން ވެސް ބޭނުން. ރަށުގައި ތިބި އަހަރެންގެ ކޮއްކޮމެންނަށް ހަދިޔާ ފޮނުވަން ބޭނުން. އަހަރެންގެ މަައިންބަފައިންނަށް ލާރި ފޮނުވަން ބޭނުން. އަހަންނަކީ މަސައްކަތްކޮށްގެން ލާރި ހޯދާ މީހެކޭ." ކެތްނުވެގެން ޝިފާ ބުންޏެވެ.

އެއާއެކު ހުޝާމް ބާރުބާރަށް ޝިފާގެ އަނގަމަތީގައި ހިފައިގަތެވެ.

" މާ ދޫ ދިގު ނުވައްޗޭ. މިހާރު ވެސް މާ ގިނަ އެއްޗެހި ތި ކިޔަނީ. ފިރިމީހާއަށް އެއްޗެހި ކިޔުމެއް ދީނަކު ނޯވެ. އަނބިމީހާއަށް ޖެހޭނީ ފިރިމީހާގެ ކުރިމަތީގައި ލަދުވެތިކަމުގެ ފިޔަ ތިރިކޮއްގެން އިންނަން." ހުޝާމް ލުތްކެއް ޖަހާފައި ޝިފާ ދުރަށް ކޮއްޕާލިއެވެ.

" އަނިޔާކުރަން ދީނުގައި އޮވޭތަ؟ އަހަންނަށް ލިބިދޭންޖެހޭ ޙައްޤު އަހަންނަށް ދީ! އަހަރެންގެ މައިންބަފައިންނަށް ޚަރަދު ކުރަން އަހަރެން ބޭނުން. އަހަންނަށް ކިޔަވައިދީ ބެލީ އެމީހުން. މިއަދު ހުޝާމްގެ މީހަކަށް އަހަރެން ވިޔަސް، އެ މީހުންނަށް އަހަރެން އެހީވެދޭން ޖެހޭނެ." ޝިފާ ބާރުބާރަށް ބުންޏެވެ.

ހުޝާމް ހުރީ ޝިފާ ދައްކާ ވާހަކަ ޤަބޫލު ކުރާ ގޮތަކަށް ނޫނެވެ. ޝިފާގެ އަމިއްލަ ހިތްހަމަޖެހުމަށް ކުރާ އެއްވެސް ކަމަކަށް ހުޝާމްގެ ހުއްދައެއް ނުލިބެއެވެ. އިތުރަށް ކިޔަވަން އެއްވެސް ފުރުޞަތެއް ނުދިނެވެ.

ޝިފާއަކީ މިނިވަން ޚިޔާލުގެ ވެރިއެކެވެ. ފިރިމީހާގެ ފަރާތުން ލޯތްބާއި އަޅާލުން އިންތިހާއަށް އޭނާ ބޭނުންވެއެވެ. ނަމަވެސް އަބަދުވެސް ޝިފާއަށް ފެންނަނީ ހުޝާމްގެ ނުތަނަވަސް މޫނެވެ. ކަޅިއަޅައިގެން ހުންނަ ދެ ލޮލެވެ. އަދި އިވެނީ އޭނާގެ ހަރުކަށި އަޑެވެ.

ދުވަސްތައް މާޒީވަމުން ދިޔަވަރަށް ޝިފާ ގެނބެމުން ދިޔައީ ނަފްސާނީ ބިރުވެރިކަމެއްގެ ކަނޑަކަށެވެ. ހުޝާމް ފެނުނަސް އޭނާ ބިރުގަނެއެވެ. އަބަދުވެސް ހީވަނީ ކުއްވެރިވެފައި ހުންނަހެންނެވެ. ގެއަށް ވަނުމަށްފަހު ކަރުނައަޅައި ރުއިން ނޫންކަމެއް ނުކުރެވެއެވެ.

މަންމަމެންނަށް ސިއްރުކޮއްގެން އޭނާ ދުވަސްތައް ކަޑައްތުކުރަމުންދިޔައީ ބޭރުފުށުން އުފާވެރިކަން ދައްކައިގެންނެވެ. މުއްސަނދި ދިރިއުޅުމެއްގައި ފުދިގެން، އުފަލުގައި އުޅޭކަން އަންގައިގެންނެވެ. ނަމަވެސް ޝިފާއަަށް އެކަން ސިއްރު ކުރެވުނީ އެންމެ ދެ އަހަރެވެ.

އާއިލާގެ އެންމެން ޗުއްޓީއަކަށް މާލެ އައި ފަހަރެކެވެ. ކުޑަގިރިއަށް ދަތުރު ދާން އެންމެން ރޭވިއެވެ. އޭރު ވެސް އެ ދަތުރު ދެވޭނެކަމާމެދު ޝިފާ ހުރީ ޝައްކުވެފައެވެ. ނަމަވެސް އެ ދަތުރު އޭނާއަށް މުޙިއްމުކަމުން، އެ ދަތުރު ދާން ބޭނުންވާ ވާހަކަ ހުޝާމްގާތު ބުނީ އާދޭހުގެ ރާގަކަށެވެ. ހުޝާމް ވަގުތުން އިންކާރު ކުރިއެވެ. ވީ ދެރައަށްވުރެ ޝިފާ އައީ ރުޅިއެވެ.

" އެކަމަކު ހުޝާމް. އަހަރެން ރަށަށް ނުދާތާ ވެސް ތިން އަހަރުވީ. އެއްބަނޑު ބައެއް މީހުން ނުދެކޭތާ އެހާ ގިނަ ދުވަސް ވެއްޖެ. އެ މީހުންގެ ކުޑަ ދަރިންނާއެކު މަޖާކޮއްލަން އެ ދަތުރު ފޮނުވަބަ. އަހަރެންގެ މަންމަމެންވެސް ދެޔޭ. ޕްލީޒް ހުޝާމް. ހުޝާމް ވެސް އަހަންނާއެކު ދާންވީނު." ޝިފާ އާދޭސް ކުރިއެވެ.

" އަހަރެން ނޫޅެން އަންހެންވެރިން ޖަހާހާ ސަކަރާތް ބަލަން ދާކަށް. އެހެން ނޫނަސް ބޭކާރު ވަގުތުތަކެއް. ކަޒިންސްތަކާއެކު ސަކަރާތްޖަހާ މަޖާ ނަގާކަށް ނުޖެހޭނެ. ޝިފާއަކަށް ނުދެވޭނެ. އަހަރެން ވަރަށް ފޫހިވޭ ތި އާއިލާގެ މީހުން އުޅޭ ފާޑުން. އަބަދުވެސް ކޮންމެވެސް ގެޓް-ޓުގެދާއެއް ނެހެދިގެން. ބާބަކިޔުއެއް ނެހެދިގެން. އެ މީހުން މާލެ އައިއްޔާ ބޯ ފަޅައިގެން ދޭ. " ހުޝާމްގެ ވާހަކަ ހުރި ގޮތުން ޝިފާ ވަރަށް ހިތުގައި ޖެހުނެވެ.

" އަހަރެން ދާނަން. ހުޝާމް ރުޅި އަޔަސް އަހަރެން ދާނަން." ޝިފާ އެހެން ބުނެ، ސިޓިންރޫމަށް ދާން ބުރުގާ އަޅާލިއެވެ. ނަމަވެސް އެއާއެކު ހުޝާމް ގޮސް ޝިފާގެ ބޮލުން ބުރުގާ ނަގައި ދުރަށް ހޫރާލީ ރުޅިވެރިކަމާއެކުއެވެ.

" ހަނދާން ކުރާތި. ކޮޓަރިން ބޭރުވިއްޔާ ތިއީ މަގޭ އަނތްބެއް ނޫން." ހުޝާމް އެހެން ބުނެ، ޝިފާގެ ކަރުގައި ނުހަނު ބާރަށް ހިފިއެވެ.

އޭރު ޝިފާއަށް ވާނުވާ ނޭނގެއެވެ. ބިރުންނާއި ދެރަވެގެން އަދި އައިސްފައި ހުރި ރުޅިން އޭނާ ހުޝާމްގެ މޭގައި އަތްއަޅާ ކޮއްޕާލީ ނުހަނު ބާރަށެވެ. އަދި ބުރުގާ ވެސް ނާޅާ ހުރެ ރޮމުންރޮމުން ބޭރަށް ނިކުތެވެ. ފަހަތުން ހުޝާމް ވެސް ނިކުމެއްޖެއެވެ.

ސިޓިންރޫމްގެ މެދަކާ ހަމައިގައި ދެ މީހުންނަށް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެންނެވެ. ކަރުނައިން ތެމެމުންދިޔަ ޝިފާގެ މޫނުމަތިން އޭރު ވެސް ފާޅުވަމުންދިޔައީ ބިރުވެރިކަމެވެ.

" މަ ބުނިން ދޯ ނިކުތިއްޔާ އަނތްބެއް ނޫނޭ! ކީއްކުރަން ނިކުތީ؟" ހުޝާމް ބާރުބާރަށް ބުންޏެވެ.

" އަހަރެން ބޭނުމެއް ނޫން ހުޝާމްއެއް. " ހުރި ތަނަށް ތިރިވަމުން ޝިފާ ބުންޏެވެ.

" ހޭ! މަ ވެސް ބޭނުމެއް ނޫނޭ! މިގެއިން ނިކުމެގެން ދޭ މިރޭ! މަ ދެން ބޭނުމެއް ނޫން ކަލޭ ދެކޭކަށް ވެސް." ހުޝާމްގެ ހަރު އަޑުން ޝިފާ ބާރަށް ރޮއްވާލިއެވެ.

އެ ރޭ ޝިފާ އެ ގެއިން ނިކުމެގެން ދިޔައީ، ޙަޔާތުގެ އެ ބާބު މުޅި އުމުރަށް ނިންމާލައިގެންނެވެ. ޅަ އުމުރުގައި އޭނާގެ އަގުހުރި ވަގުތުތަކާއި، ހަކަތައާއި ލިބުނުހާ ފައިސާއެއް ވެސް ހޭދަކުރީ ހުޝާމަށާއި އެ އާއިލާއަށެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ޝިފާއަށް އޭނާގެ ނަފްސު މުޙިއްމެވެ. އެ އަނިޔާއިން ސަލާމަތްވާން އޭނާ ބޭނުންވެއެވެ.

ހުޝާމް ކައިރިން މިނިވަންވީ އިރު ޝިފާ ހުރީ ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައެވެ. އެކަމަށް ފަރުވާ ހޯދައިގެން ޝިފާ ރަށަށް ބަދަލުވީ ޙަޔާތުގެ އެ ބާބު މުޅި އުމުރަށް ނިންމާލަމުންނެވެ. ނަމަވެސް މިހާރު ޝިފާގެ ހިޔާލު ތަފާތެވެ.

އުފާވެރި ދިރިއުޅުމަކަށް އޭނާ އިތުރަށް އުއްމީދެއް ނުކުރެއެވެ. އަލުން ކައިވެންޏެއް ކުރަން ބިރުގަނެއެވެ. އެފަދަ މޭރުމަކުން ވާހަކަ ދައްކާ މީހުންދެކެ ރުޅި އާދެވެއެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި، ދިރިއުޅުންމަތިން އޭނާ ފޫހިވެއްޖެއެވެ. އަދި ދެން ދުވަހަކު ވެސް މީހަކާ ނީންނާނެކަމަށް ހިތުގައި ޢަޒުމް ކަނޑައެޅިއެވެ. އެ ހިސާބުން އޭނާގެ ޙަޔާތް ނިމުނީކަމުގައި ނިންމިއެވެ.

އަހަރުތަކެއް ފަސް

ހަވީރުގެ އެންމެ ހިތްގައިމު ވަގުތެވެ. ބަނދަރުމަތީގައި ހުރި ފިނިއަށީގައި ޝިފާ އިނީ ދުރުން ދުވެފައި އަންނަ ކުޑަ އަންހެންކުއްޖާއަށް ބަލަހައްޓައިގެންނެވެ.

" ރާޅެއް ޖަހާފައި ޖިންސް ތެންމާލައިފި." ޝިފާއާ ދާދި ގާތުގައި އިށީނދެ ޝިފާގެ ކޮނޑުގައި ބޯ ޖައްސާލަމުން ހާއިމް ބުންޏެވެ.

" ނޫން. މިއީ ކޮއްކިގެ މަންމިއެއް. ތެދުވޭ ބައްޕި." ކުޑަކުޑަ މާނީ، ޝިފާގެ އުނގަށް އެރީ އޭނާގެ ބައްޕައަށް ލޯ އަޅާލަމުންނެވެ.

" މިއީ ދަރިފުޅާއި ބައްޕިގެ މަންމިއެއް. ދެ ކުދިންގެ މަންމިއެއް. އޯކޭ؟" ހާއިމް، މާނީ އުރާލަމުން ބުނެލިއެވެ. އެ ވަގުތު މާނީ، ހާއިމްގެ ގައިގައި ބާރަށް ބައްދާލީ ހެމުންނެވެ.

އިރުއޮއްސެން ކައިރިވާތީ ހާއިމްގެ އެދުމުގެ މަތިން ގެއާ ދިމާލަށް ދާން ޝިފާ ތެދުވިއެވެ. އެއާއެކު މާނީ ދުއްވައިގަތުމުން ހާއިމް، އަނެއްކާ ވެސް މާނީގެ ފަަހަތުން ދުވަން ފެށިއެވެ. އެ ދެ ބަފައިން ސަކަރާތްޖަހަމުން ދާ މަންޒަރު ބަލަމުން، ފަސްފަހަތުން ޝިފާ ފިޔައެވެ.

މީގެ ހަތަރު އަހަރު ކުރީގެ ހިތި މާޒީގެ އެއްވެސް އަސަރެއް މިހާރު އޭނާގެ ހިތަކު ނެތެވެ. އެ ހިތްދަތިކަން އޭނާގެ ހިތުންނާއި ސިކުނޑިން ފިލުވައިދިނީ ހާއިމްއެވެ. ހާއިމް އޭނާގެ ޙަޔާތަށް އައުން ވެގެން ދިޔައީ ޝިފާގެ ދިރިއުޅުން މުޅިން ބަދަލުކުރުވި ކަމަކަށެވެ. ކައިވެންޏަށްފަހު، ހާއިމްގެ ފަރާތުން ލިބުނު ލޯތްބާއި، އޯގާތެރިކަން މިއަދު ވެސް އޭނާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދަނީ ލިބެމުންނެވެ. އަދި ދަރިޔަކު ލިބުމާއެކު އެ ޙަޔާތަށް އިތުރު ދިރުމެއް އައިސް، އެ ލޯބި ވެސް ދިޔައީ އިތުރުވެގެންނެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަނީ ދެ މީހުންގެ ޙިއްޞާ އޮވެގެންނެވެ. ހާއިމްގެ އާއިލާއާ ޝިފާގެ އާއިލާ ކުޑަކޮށް ވެސް ހާއިމް ތަފާތެއް ނުކުރެއެވެ. އެ އާއިލާއަށް ހާއިމް ކުރާ އިޙްތިރާމާއި ޤަދަރު ޚުދު ޝިފާއަށް ވެސް ނުކުރެވެއެވެ.

ފުރަތަމަ ކައިވެނިން ޝިފާގެ ހިތުގައި ލެވުނު ލަކުނުތަކުގެ އަސަރު މިހާރަކު ނެތެވެ. އޭރު ނަފްސާނީގޮތުން ބަލިކަށިވެފައިވީ ނަމަވެސް، ފަރުވާއަށް ފަހު ޝިފާގެ ހިތުން ހުޝާމްއަށް މަޢާފް ކުރެވުނެވެ. އެ ދިރިއުޅުން ބީވެ ދިޔުމަކީ މިއަދު ޝިފާގެ ނަސީބުކަމުގައި ޝިފާ ދެކެއެވެ.

އޭނާގެ ޙަޔާތަށް އައި އެންމެ އަނދިރި ދުވަސްތަކުގައި މަދަދަށް އެދުނީ ހަމައެކަނި ހެއްދެވިފަރާތުގައެވެ. ހުއްޓައިނުލައި ދުޢާ ކުރީ ދިރިއުޅުން ރަނގަޅު ކޮއްދެއްވުމަށެވެ. އޭނާ ދެކޭ ގޮތުގައި ހާއިމްއަކީ އޭނާގެ ދިރިއުޅުން އުފާވެރިކަމަށް ބަދަލުކޮއްލަން މާތްﷲ ދެއްވި ރިޒްޤެވެ. ރިޒްޤަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. ދިރިއުޅުމުގައި ލިބޭ ކޮންމެ ނިޢުމަތަކީ މާތްﷲ ދެއްވާ ރިޒްޤެވެ. އެހެންވެ ކޮންމެ މީހަކު ކައިރީވެސް ޝިފާއަށް ބުނެވެނީ ހަމަ އެންމެ ވާހަކައެކެވެ.

" އަހަންނަށް ދެއްވި އެންމެ ފުރިހަމަ ރިޒްޤަކީ އަހަރެންގެ ދެވަނަ ކައިވެނި. "

ޝިފާފަދަ އެތައް އަންހެނުންނެއް މި މުޖްތަމަޢުގައި އުޅޭނެއެވެ. ޅަ އުމުރުގައި ކުރެވުނު ކައިވެނި ރޫޅުމުން، އިތުރަށް ޙަޔާތެއް ފަށަން ބޭނުން ނުވާ މީހުން ނުހަނު ގިނައެވެ. ނަމަވެސް އެއީ ދިރިއުޅުމަށްޓަކައި ލިބުނު އިތުރު ފުރުޞަތެއްކަމަށް ބަލައި، މާޒީއަކީ ދަސްވި ފިލާވަޅެއްކަމުގައި ދެކިގެން، އެ ޙާލަތުން އަރައިގަންނަން އަމިއްލަ ނަފްސަށް ވަގުތު ދިނުމުން ނަތީޖާ ފޮނިވާނެކަން ޝިފާ އަންގައިދީފިއެވެ.

-ނިމުނީ-

ނޯޓު: މި ވާހަކައިގައި ހިމެނޭ ނަންތަކަކީ އަސްލުނަމެއް ނޫނެވެ.

Ad
ooredoo