އެމެރިކާގެ އިންޓަ މިއާމީ އަށް މިހާރު ކުޅެމުން އަންނަ އާޖެންޓީނާ އަދި އެފްސީ ބާސެލޯނާގެ ލެޖެންޑް، މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ، އުމުރުން 68 އަހަރުގައި މަރުވެއްޖެ ކަމަށް އާޖެންޓީނާ އާއި ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންފޯބޭ އާއި އެލް އެސްޕަނޯލް ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީގެ އާއިލާގެ އެންމެ އިސް މެންބަރު މަރުވީ އާޖެންޓީނާގެ ރޮސާރިއޯގައި ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރުގެ ވަގުތެއްގައެވެ.

Ad
rt

ޖޯޖް މެސީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މި ބަލީގެ ވާހަކަތައް ދާދި ފަހުން ބޭއްވުނު ވޯލްޑް ކަޕްގެ ތެރޭގައި ވެސް ވަނީ މީޑިއާގައި ދެކެވިފައެވެ. އެ މުބާރާތުގެ ތެރޭގައި މެސީގެ އާއިލީ ހާލަތާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން މެސީ ބުނެފައިވަނީ، އާއިލާއިން އަންނަނީ ވަރަށް އުނދަގޫ ވަގުތުތަކެއް ތަހައްމަލު ކުރަމުން ކަމަށާއި، ނަމަވެސް ގައުމީ ޓީމުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.

ޖޯޖް މެސީ އަކީ ލިއޮނަލް މެސީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާސިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ފަރާތެވެ. މެސީގެ އުމުރުން އެންމެ 13 އަހަރުގައި، އޭނާގެ ހެދިބޮޑުވުމަށް ބޭނުންވާ ފަރުވާގެ ހަރަދުތައް އާޖެންޓީނާގެ ކްލަބްތަކުން ދޭން ދެކޮޅު ހެދުމުން، މެސީ ޔޫރަޕަށް ގެންދިއުމުގެ ހިތްވަރުގަދަ ފިޔަވަޅު އެޅީ ޖޯޖްއެވެ. ޑިސެމްބަރު 14، 2000 ގައި ބާސެލޯނާގެ އޭރުގެ ސްޕޯޓިން ޑިރެކްޓަރާއެކު މެސީގެ ފުރަތަމަ އެއްބަސްވުން ނެޕްކިންއެއްގައި ސޮއިކުރެވުނުއިރު، އެކަމުގެ ފަހަތުގައި ހުރީ ޖޯޖްއެވެ.

މި ބޮޑު ކާމިޔާބީއަށްފަހު މެސީ ވަނީ ބާސެލޯނާގެ ލަ މާސިއާ އެކަޑަމީން ކުރިއަރައި، އެ ކްލަބަށް 778 މެޗުން 672 ލަނޑު ޖަހައިދީ، ކްލަބްގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ޖޯޖް މެސީ މަރުވިއިރު، އޭނާގެ އަންބަކާއި، ހަތަރު ދަރިންނާއި، ކާފަދަރިން ދުނިޔޭގައި އެބަތިއްބެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މެސީގެ އާއިލާއިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.