ށ. ކަނޑިތީމުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ކުރި ޢިއުލާންގައި ކަނޑިތީމު ކައުންސިލުން ބުނީ މި ބިންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

Ad
rt

ކަނޑިތީމު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1750 އަކަފޫޓުގެ ދެ ބިމެކެވެ. އެއީ ބިން ނަންބަރު LT-026 އަދި LT-027 އެވެ. މި ބިންތަކަށް ހުށަހެޅޭނެ އެންމެ ކުޑަ ކުއްޔަކީ އަކަފޫޓަކަށް 1 ރުފިޔާއެވެ.

މި ބިންތައް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި ކައުންސިލުން ކަނޑައަޅާފައިވާ ގޫގުލް ފޯމު ފުރިހަމަކުރަން ޖެހެއެވެ. ރަޖިސްޓްރީވުމުގެ މުއްދަތަކީ 3 އޮގަސްޓް 2026 އިން ފެށިގެން 11 އޮގަސްޓް 2026 ގެ ނިޔަލަށެވެ.

ކައުންސިލުން ބުނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 13:00 އަށް ކައުންސިލް އިދާރާގައި ރަޖިސްޓްރީވުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅައި، ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ ފަރާތްތަކަށްވެސް ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި ބީލަމާ ގުޅޭގޮތުން ވަކި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނުބާއްވާނެ ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އަގު ހުށަހަޅާ ފޯމު އީމެއިލް މެދުވެރިކޮށް ފޮނުވައިދޭނެއެވެ.

ބީލަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 12 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ 12:00 އެވެ. ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކަނޑިތީމު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. ހުށަހަޅާ ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ބޭރުގައި ހުށަހަޅާ ފަރާތުގެ މަޢުލޫމާތާއި އިޢުލާން ނަންބަރު ސާފުކޮށް އެނގޭނޭ ގޮތަށެވެ.