ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ ރޯޑްމެޕްގެ ދެވަނަ މަރުހަލާއަށް ހަމާސްއިން އެއްބަސްވެ، ސުލްހައިގެ އުންމީދުތައް އާވެފައިވަނިކޮށް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް އިތުރަށް ވަރުގަދަކޮށް، ލާއިންސާނީކަން އިތުރުކޮށްފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސްއިން ހާމަކުރި ގޮތުގައި، މިދިޔަ އާދީއްތަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް 10 އަށްވުރެ ގިނަ ވައިގެ ހަމަލާދީފައެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން މަދުވެގެން 18 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ.
ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބަސަލް ވިދާޅުވި ގޮތުގައި، އިސްރާއީލުގެ ޑްރޯންތަކާއި ހެލިކޮޕްޓަރުތަކުން ވަނީ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ރެފިއުޖީ ކެމްޕުތަކާއި، އާންމުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.
މި ހަމަލާތަކުގެ ތެރެއިން އެންމެ ހިތާމަވެރި އެއް ހާދިސާއަކީ ޣައްޒާ ސިޓީގައި ދިރިއުޅޭ އަލް-ތައިފް އާއިލާގެ އެޕާޓްމަންޓަށް ދިން ހަމަލާއެވެ. މި ހަމަލާގައި މާބަނޑު މަންމައަކާއި، ބައްޕައާއި، އެމީހުންގެ ދަރިފުޅުގެ އިތުރުން ބަނޑުގައި އޮތް ދަރިފުޅުވެސް ވަނީ ޝަހީދުވެފައެވެ.
"އިސްރާއީލު ސިފައިން އެއްވެސް އިންޒާރަކާ ނުލައި މުޅި އާއިލާ ނައްތާލައިފި،" ބަސަލް ވިދާޅުވިއެވެ. އާއިލާގެ މެންބަރެއް ކަމަށްވާ ސާލިމް އަލް-ތައިފް ބުނި ގޮތުގައި ހަމަލާ ދިން ވަގުތު އާއިލާގެ އެންމެން ތިބީ ނިދާފައެވެ.
އެމެރިކާ މެދުވެރިވެގެން ހުށަހަޅާފައިވާ ސުލްހައިގެ ދެވަނަ މަރުހަލާއަށް ހަމާސްއިން މިދިޔަ ހުކުރު ދުވަހު ވަނީ އެއްބަސްވެފައެވެ. ނަމަވެސް، އިސްރާއީލުގެ ބައެއް ވަޒީރުން ގެންދަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ނެތް ކަމަށް ބުނަމުންނެވެ. އިސްރާއީލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން ބުނީ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމުގެ އެއްބަސްވުމެއް ނެތް ކަމަށެވެ. އަދި ހަމާސްގެ ހަތިޔާރު ނައްތާނުލަނީސް ޣައްޒާއިން ނުފައިބާނެ ކަމަށް އިސްރާއީލުގެ ކެބިނެޓް މެންބަރު ޒީވް އެލްކިން ވަނީ ބުނެފައެވެ. އިސްރާއީލުން ދަޢުވާކުރާގޮތުގައި ހަތިޔާރުގެންގުޅުމާއި އެހެނިހެން ހުރިހާ ހައްގަކީ ވެސް އެމީހުންގެ އެއްޗެކެވެ.
ފަލަސްތީނުގެ މުހައްލިލު މުސްތަފާ އިބްރާހީމް ދެކޭގޮތުގައި، މަޝްވަރާތައް ކުރިއަށްދާ ވަގުތު ހަމަލާތައް ވަރުގަދަކުރުމަކީ އިސްރާއީލުގެ މަޝްވަރާ ބާރުގަދަ ކުރުމުގެ އުކުޅެކެވެ.
"މިއީ އިސްރާއީލު ސަރުކާރުން އަސްކަރީ ބާރުގެ ބޭނުންކޮށްގެން މަޝްވަރާގެ މޭޒުމަތީގައި ބާރުގަދަކުރަން ކުރާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މެދުވެރިންގެ ދައުރާމެދު ސުވާލު އުފެދި، އެއްބަސްވުންތަކަށް އިސްރާއީލުން އިހުތިރާމް ކުރާނެ ކަމާމެދު އާންމުންގެ މެދުގައި ވަނީ ޝައްކު އުފެދިފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. ސުލްހައިގެ ވާހަކަތައް ދެކެވުނު ނަމަވެސް، ބިމުގެ ހަގީގަތަށް ބަލާއިރު ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ނުރައްކާ ދަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!