ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބާއްވަމުން އަންނަ "ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026"ގެ ބަދަލުގައި ދެ ޖިންސަށް ހުޅުވާލައިގެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އެ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

Ad
rt

29 ޖުލައި 2026 ގައި ބޭއްވި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 11 ވަނަ ޢާންމު ބައްދަލުވުމުގެ މި ނިންމުމުގައި ވަނީ، ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމް، ކޮރަލްދަނޑު އަދި ހިރަފުސްދަނޑު މިވަތުގު ބޭނުންކުރެވޭ ހާލަތުގައި ނެތުމުގެ ސަބަބުން، "ކުޅުދުއްފުށި ޗެމްޕިއަންޝިފް 2026" ގެ ބަދަލުގައި، ދެ ޖިންސުގެ ބޭފުޅުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިއުމަށެވެ.

މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީގައި ފުޓުބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓުބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމަށާއި ރަށުގެ ޒުވާނުންގެ ފުޓުބޯޅަ ފެންވަރުގައި ފުޓުބޯޅަ ކުޅޭ ޒުވާނުން ކުށުގެ ވެށިން ދުރުކޮށް، ރަށުގެ އިޖްތިމާއި ރޫހު އާލާކޮށްދިރުވުމުގެ މަގްސަދުގައި ސިޓީ ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ.

ބޮޑުތިލަދުންމަތީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވަމުން އައި މި މުބާރާތަކީ ސަރަހައްދުގެ ރަށްތަކުގެ މެދުގައި ވާދަވެރި މުބާރާތެއް ކުޅުމުގެ ފުރުސަތު ހުއްޓިފައިވަނިކޮށް އެ ފުރުސަތު ހުޅުވާލަދިން މުބާރާތެކެވެ. މެދުކެނޑުމަކަށްފަހު އެފްއޭއެމުން އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި މުބާރާތެއް ފެށުމާއި ހަމައަށް، ސަރަހައްދުގެ ޒުވާނުންނަށް ސަރަހައްދީ ހުނަރު ދައްކައިދިނުމަށް ފަހިވެފައި އޮތް މުބާރާތަކީ ކުޅުދުއްފުށި ޗެމްޕިއަންޝިފެވެ. މި މުބަރާތުގައި ބިދޭސީ ކުޅުންތެރިންގެ ކުޅުން ވެސް ފެނިގެންދިޔައިރު، މި މުބާރާތް ބާއްވަމުން އައިސްފައިވަނީ ފޯރިގަދަނ ކުލަގަދަ މުބާރާތެއްގެ ގޮތުގައެވެ.

މި މުބާރާތް މިހާތަނަށް މެދުނުކެނޑި ހަތަރު އަހަރު ބާއްވާފައިވާއިރު، މިދިޔަ އަހަރު އޮތް "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2025" މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކަނޑިތީމު ފުޓްބޯޅަ ޓީމެވެ. ކަނޑިތީމު ފުޓްބޯޅަ ޓީމުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކުޅުދުއްފުއްޓަށް ނިސްބަތްވާ މަގުލަސް ކްލަބާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 5-4 އިން ކުރި ހޯދައިގެންނެވެ. ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024ގެ ޗެމްޕިއަނުންނަކީ ހަނިމާދޫ އަށް ނިސްބަތްވާ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އެފަހަރުގެ ރަނަރަޕަކީ ހިރިމަރަދޫ އަށް ނިސްބަތްވާ ކްލަބް ޑޮމިނޭޓާސް އެވެ.

ސަރަހައްދުގެ އިތުރު ރަށްތަކަށް ފުރުސަތު ދީގެން ކުޅުނު މި މުބާރާތުގެ 2023 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ކުޅުދުއްފުށީ ސިޓީގެ ޒިގްޒެގް ފޯ ޔޫތު ލިންކޭޖެވެ. އެފަހަރުގެ ރަނަރަޕަކީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ. "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ނަމުގައި ބޭއްވި 2022 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަނުންނަކީ ކުޅުދުއްފުށީ ސިޓީގެ ކްލަބް ކޮރަލްސް އެވެ. ކުޅުދުއްފުށީ ސިޓީގެ ޓީމުތަކުގެ މެދުގައި ކުޅުނު މި މުބާރާތުގެ ރަނަރަޕަކީ ސޮސައިޓީ ފޯ ކުޅުޅުދުއްފުށީ ޔޫތު (ސްކައި) އެވެ.