ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމުގައިވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

މި ޢިއްޒަތް މި ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

ޙުސައިން ޢަފީފް: ފަތުރުވެރިކަމުގެ އެންމެ އިސް އެއް މޭސްތިރި

ޙުސައިން ޢަފީފަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކުރެއްވި ބާނީންގެ ތެރެއިން އެންމެ އިސް އެއް މޭސްތިރިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެކި ފަންތީގައި މަސައްކަތް ކުރައްވައި، ރާއްޖޭގެ ހޮސްޕިޓޭލިޓީ ދާއިރާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެއްތުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ޚާއްޞަގޮތެއްގައި 2014 ވަނަ އަހަރު ރާއްޖޭގައި ހުޅުވި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު، ގަސްފިނޮޅު ތަރައްޤީކުރެއްވުމަކީ އޭނާ މި ދާއިރާއަށް ގެންނެވި އިންޤިލާބީ ބަދަލެކެވެ.

ފަތުރުވެރިކަމުގެ އިތުރުން އޭވިއޭޝަން، ބޭންކިންގ އަދި ޞިއްޙީ ދާއިރާއަށްވެސް ޢަފީފް ވަނީ އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވި ޓްރީ ޓޮޕް ހޮސްޕިޓަލް ޤާއިމުކުރުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އަދި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމާއި، ޢަލިފުޅު ތުއްތު ފައުންޑޭޝަންގެ ދަށުން އިޖުތިމާޢީ އެކި މަޝްރޫޢުތައް ހިންގެވުމުގައި އޭނާ ދެމިހުންނެވިއެވެ.

އަފީފަށް ދައުލަތުގެ މަތީ ޢިއްޒަތް އެރުވުން، ފޮޓޯ: ރައީސް އޮފީސް

މުޙައްމަދު މޫސާ (އުއްޗު): އިޤުތިޞާދީ އަދި އިޖުތިމާޢީ ޚިދުމަތްތެރިއެއް

މުޙައްމަދު މޫސާއަކީ ޒުވާން އުމުރުފުޅުން ފެށިގެން މަސައްކަތްތެރިކަމާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އަމަލީގޮތުން މަސައްކަތް ކުރައްވައި، އެ ދާއިރާއިން 1996 ވަނަ އަހަރު "ތިމާވެށީގެ ފެހިފަތް" ވެސް ވަނީ ހާސިލުކުރައްވާފައެވެ. އޭނާގެ ޗަމްޕާ ހޯލްސޭލް ވިޔަފާރި އާއި ތުނބަށްފުށީގައި ހިންގާ އިންޑަސްޓްރިއަލް މަސައްކަތްތަކަކީ ރާއްޖޭގެ އިޤުތިޞާދަށް މުހިންމު ޚިދުމަތްތަކެކެވެ.

މީގެއިތުރުން، ރާއްޖޭގެ މީޑިއާގެ ދާއިރާ ފުޅާކުރެއްވުމުގެ ގޮތުން ދި އެފް.އެމް އަދި ދި ޓީވީ ފަދަ އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަންތައް އުފެއްދެވުމުގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ. ޢަލިފުޅު ތުއްތު ފައުންޑޭޝަން މެދުވެރިކޮށް ތަޢުލީމީ ދާއިރާއަށާއި، ރަށްރަށުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް އޭނާ ގެންދަވަނީ މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

މިއަދު އެރުވުނު މި މަތިވެރި ޢިއްޒަތަކީ، މި ދެ ބޭފުޅުން ޤައުމުގެ ކުރިއެރުމަށާއި، އިޤުތިޞާދީ ވަރުގަދަ ބިންގަލެއް އެޅުއްވުމަށްޓަކައި ކުރެއްވި އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދައުލަތުން އެރުވި ޝަރަފެކެވެ.