ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ އިތުރުން ދީނީ ފޮތްތައް އެކުލަވައިލެއްވުމުގެ ރޮނގުން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މިސުރުގެ އަލް ޖާމިޢުލް އަޒުހަރުން މަތީ ތަޢުލީމު ހާސިލު ކުރައްވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު، އެމަނިކުފާނު ފުރަތަމަ ޚިދުމަތް ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ ހިސާބު މުދައްރިސެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ ހިސާބު ޢިލްމުގެ ރޮނގުންވެސް ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް ކުރެވުނު މަސައްކަތްތަކުގައި އިބްރާހީމް ރަޝީދު މޫސާގެ ޙިއްޞާ ވަރަށް ބޮޑެވެ. އެގޮތުން މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ އުފެއްދުމާއި، އެ މުއައްސަސާ ހިންގެވުމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖޭގައި އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. ފަށާތަޢުލީމުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރައްވައި، ދަރިވަރުންނަށް ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތުތައްވެސް އެމަނިކުފާނު ފަހިކޮށްދެއްވިއެވެ.

ލިޔުންތެރިކަމުގެ ރޮނގުން ބަލާއިރު، އެމަނިކުފާނު ވަނީ 11 ފޮތެއް ތަރުޖަމާ ކުރައްވައި، 50 އަށްވުރެ ގިނަ ފޮތް ތަޞްނީފު ކުރައްވައި ޝާއިޢު ކުރައްވާފައެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑާ ގުޅިގެން "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" އަދި "ޤުރްއާނާއި ސައެންސް" ފަދަ މަގުބޫލު ރޭޑިއޯ ސިލްސިލާތައް ތައްޔާރުކުރެއްވިއެވެ. އަދި ކޮންމެ ރަމަޟާން މަހަކު ޓީވީއެމްއިން ދައްކާ "މުޙައްމަދު ރަސޫލުﷲ" ސިލްސިލާ ދިވެހިބަހަށް ތަރުޖަމާ ކުރެއްވީވެސް އެމަނިކުފާނެވެ. ނޫސްވެރިކަމުގެ ދާއިރާގައިވެސް "އަމާޒު" އަދި "ފަތްތޫރަ" ފަދަ މަޖައްލާތަކަށް ލިޔުއްވައި، މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ޖުމްލަ 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ، 2018 ވަނަ އަހަރު ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ރައީސްގެ މަގާމުގައެވެ. ދައުލަތުން އެމަނިކުފާނަށް މިއަދު އެރުވި ޢިއްޒަތަކީ، ޢިލްމީ އަދި ދީނީ ދާއިރާއިން އެމަނިކުފާނު ކުރެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެރުވި މަތިވެރި ޝަރަފެކެވެ.