ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޙައްމަދު ލަޠީފަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

ޑރ. މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމު ފުރުއްވައި، ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މޭސްތިރިއެއްގެ ގޮތުގައި އެމަނިކުފާނު ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން "އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރ" އާއި "މުދައްރިސުންގެ ތަޢުލީމީ މަރުކަޒު" ފަދަ މުހިންމު އިދާރާތައް އުފެއްދެވުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ.

ރާއްޖޭގައި މަތީ ތަޢުލީމު ފުޅާކުރެއްވުމުގެ ގޮތުން 1998 ވަނަ އަހަރު "މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން" ގާއިމުކުރެއްވުމުގައި ޑރ. ލަޠީފް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ސިވިލް ސަރވިސް ގާއިމުކުރެއްވުމާއި، އެ ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ސިވިލް ސަރވިސް ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަގާމުގައެވެ.

ޚާރިޖީ ދާއިރާއަށް ބަލާއިރު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމުތަކާއި، އދ. ގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބުގެ މަގާމުވެސް އެމަނިކުފާނު ވަނީ ފުރުއްވައިފައެވެ. ޚާއްޞަކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކުރުމަށް ކުރެވުނު މަސައްކަތްތަކުގައި އޮމާންކަމާއެކު ބަދަލުވުމުގެ އިސްތިރާޖު ފަރުމާކުރައްވައި ތަންފީޒުކުރެއްވުމުގައި އިސްކޮށް އުޅުއްވިއެވެ.

ޑރ. މުޙައްމަދު ލަޠީފަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސް އިން އެޑިޔުކޭޝަނަލް ޕްލޭނިންގ ގެ ރޮނގުން ޕީ.އެޗް.ޑީ. ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޤައުމަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.