ސިނަމާލެ ބްރިޖުގައި އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް 30 ދުވަހުގެ މުއްދަތަށް ޓޯކޮށް، އެ އުޅަނދުތައް ދުއްވި މީހުން ފުލުހުން ޖޫރިމަނާކޮށްފިއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ބްރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައިވަނިކޮށެވެ.

Ad
rt

ފުލުހުން ހާމަކުރި ގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން މި ތިން ސައިކަލް ޓޯކޮށްފައިވަނީ 2024 ޖުލައި 25 ވަނަ ދުވަހުއެވެ. މި އުޅަނދުތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ހިފަހައްޓާފައި ހުންނާނެއެވެ.

މި ހާދިސާއާ ގުޅިގެން އުޅަނދު ދުއްވި މީހުންނަށް ވަނީ ބޮޑެތި ޖޫރިމަނާތަކެއް ކޮށްފައެވެ. އެގޮތުން، އުޅަނދު ދުއްވި ފަރާތްތަކުގެ ތެރެއިން ދެ މީހަކު 2,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ތަކުރާރުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާތީ ތިންވަނަ މީހާ ވަނީ 4,000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ފުލުހުން ވިދާޅުވީ މިފަދަ ނުރައްކާތެރި އަމަލުތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.