މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާއި ހަމައަށް މަގު ތަރައްގީކޮށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ މި ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭންގެ ކުރެހުމެއް ހިއްސާކުރަށްވާފައެވެ.

Ad
rt

ރައީސް ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ބައެއް މަސައްކަތްތަކާއި، ރިންގް ރޯޑުގެ ބާކީ އޮތް ބައި 2026 ނޮވެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ސަރަހައްދެވެ.

ސަރުކާރުން އިއްޔެ ވަނީ ބޮޑުތަކުރުފާނު މަގުގެ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ޓާމިނަލާ ހަމައަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލާފައެވެ. މި ބަޔާއެކު ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މި މަގު މިހާރު ވަނީ 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

މާލޭ ބޮޑުތަކުރުފާނު މަގު މަޝްރޫޢު: އަލަށް ތަަރައްގީކުރި ސަރަހައްދު ހުޅުވާލައިފި

މި މަޝްރޫޢަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމުން މާލެ ވަށައިގެން އޮންނަ ރިންގް ރޯޑު އެއްކޮށް ޒަމާނީ ފެންވަރަށް ތަރައްގީވެގެންދާނެއެވެ.

މި މަޝްރޫޢުގެ ކޮންޓެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އެވެ.