މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.
އިންފްރާސްޓަކްޗަރ، ހައުސިން އެންޑް އާބަންޑިވެލޮޕްމެންޓް މިނިސްޓްރީން މިއަދު ބުނި ގޮތުގައި، މާލޭ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ތަރައްގީކުރި ސަރަހައްދު މިއަދު ހަވީރު 16:00 އިން ފެށިގެން ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަލަށް ތަރައްގީކޮށްފައި ވަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލާއި ހަމައަށެވެ.
މިއަދު ހުޅުވާލެވުނު ބަޔާއެކު ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މި މަގު މިހާރު ވަނީ 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމި، މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މި މަގު މިހާރު ވަނީ 4 ލޭނަށް ފުޅާކޮށް، ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައެވެ. pic.twitter.com/H29TM4NWbE— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) July 24, 2026
ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ، ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ޖުމްލަ 5 ސެގްމެންޓެއްގެ މަސައްކަތެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މަގު ހުޅުވާލި ނަމަވެސް އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށެވެ. އެހެންކަމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސިޑިތަކުގެ ކައިރީގައި ހުރި ކާބް ސްޓޯންތަކުގައި ރަތްކުލައިގެ ދަވާދުލައި، ޢާންމުންނަށް ސަމާލުކަން ދެވޭނެ ގޮތް ވަނީ ހަދާފައެވެ.
— MTCC Plc (@MTCCPlc) July 23, 2026
މަގު ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިނިސްޓްރީން ބުނީ، ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދުގައި ޕާކްކުރުން މިހާރު މަނާވާނެ ކަމަށެވެ. ނަމަވެސް، މަގު ބޭނުންކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ވަނީ ތަރައްޤީކޮށްފައެވެ.
މި މަގުގައި އަލަށް ތަރައްގީކުރި ބައި މިއަދު ހުޅުވާލިއިރު މަގުގައި ވަނީ ދިވެހިރުއް އިންދާ ނަލަކޮށްލާފައެވެ. އަދި އިއްޔެ ވަނީ 3,100 އަށްވުރެ ގިނަ ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
22 އޮގަސްޓް 2023 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، އޭގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. މި މަސައްކަތްތައް މުޅިން ނިމުމާއެކު، މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބި، މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!