ދިވެހި ރެޑް ކްރެސެންޓް (އެމް.އާރް.ސީ) އިން އިންތިޒާމުކޮށްގެން ކުޅުދުއްފުށި ސިޓީގައި ބާއްވާ "މަދަދުވެނި 4.0 ޔޫތު ކްލައިމެޓް އިނޮވޭޝަން ޗެލެންޖް" ވަރަށް ބާރުމިނުގައި ކުރިއަށް އެބަދެއެވެ.

މި ކެމްޕުގެ ހަތަރުވަނަ ދުވަހަށް ވާސިލުވިއިރު، ބައިވެރިވާ ހަތަރު ޓީމަކުން ދަނީ މިހާތަނަށް ދަސްކުރި ކަންތައްތައް އަމަލީ މަސައްކަތަށް ބަދަލުކުރަމުންނެވެ.

Ad
rt

އެމް.އާރް.ސީން ބުނިގޮތުގައި ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި، ބައިވެރިން ވަނީ މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ދިރުންތަކުގެ މުއްސަނދިކަން ނުވަތަ ބަޔޯޑައިވާސިޓީ އަދި ކުނި މެނޭޖުކުރުމާ ގުޅޭގޮތުން ތަޖުރިބާކާރުންގެ އެހީގައި ގިނަ މައުލޫމާތުތަކެއް ހޯދާފައެވެ. މި ސެޝަންތަކުގެ އިތުރުން، ދާއިރާތަކާ ގުޅުންހުރި ތަންތަނަށް ޒިޔާރަތްކޮށް އަމަލީ ތަޖުރިބާ ވެސް ބައިވެރިން ވަނީ ހޯދާފައެވެ.

މި ތަމްރީނުތަކަށްފަހު، ޓީމުތަކުން މިހާރު ވަނީ ޕްރޮޖެކްޓް ޑިޒައިން ކުރުމާއި އައު ޚިޔާލުތައް ނެރުމުގެ މަރުހަލާ ފަށާފައެވެ. މީގެ ތެރޭގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމާއި، އެކަންކަމަށް އަމަލީ ހައްލުތައް ހޯދުމުގެ އިތުރުން، ޕްރޮޖެކްޓްތައް ތަންފީޒުކުރާނެ ގޮތުގެ ޕްލޭންތައް އެކުލަވާލުން ހިމެނެއެވެ.

ކެމްޕުގެ ހަތަރުވަނަ ދުވަހު ޓީމުތަކުން މައިގަނޑު ގޮތެއްގައި ކުރަމުންދާ މަސައްކަތަކީ ފަނޑިޔާރުންގެ ޕެނަލަށް ހުށަހަޅާނެ ޕްރޮޖެކްޓް ޕިޗްތައް ތައްޔާރުކުރުމެވެ. މި މުބާރާތުން ހޮވޭ އެންމެ ރަނގަޅު ޕްރޮޖެކްޓްތަކަށް، މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކެއްގެ ގޮތުގައި އެ މަސައްކަތްތައް ފެށުމަށްޓަކައި މާލީ އެހީތެރިކަން ނުވަތަ ގްރާންޓް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.އާރް.ސީން ބުންޏެވެ.

މި ކެމްޕަކީ "ޔޫތު-ލީޑް އާބަން ރެސިލިއަންސް އެންޑް ކްލައިމެޓް އެކްޝަން ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މަޝްރޫއަކީ ދިވެހި ރެޑް ކްރެސެންޓާއި، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރް.ސީ) އަދި އިޓަލީގެ ރެޑް ކްރޮސް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.