ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރަށްވައިފިއެވެ.
ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ.
ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ދައުވަތަކަށް، ސަޢޫދީ ވަލީއަޙުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުންނެވެ.
ރޭ ރާއްޖެ ވަޑައިގެން ޕްރިންސް ޑރ. މަންޞޫރު މިއަދު ރައީސް މުޢިއްޒު އާއި ބައްދަލުކުރަށްވާފައިވާއިރު، މި ބައްދަލުކޮށްލެއްވުމާއިގުޅޭގޮތުން ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕްރިންސް ޑޮކްޓަރ މަންޞޫރަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިވަންދުވަހުގެ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާގެ ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޕްރިންސް ޑޮކްޓަރ މަންޞޫރު ދެއްކެވި ވާހަކަފުޅުގައި، ސަޢުދީ ޢަރަބިއްޔާގެ އިސްވެރިން، ދިވެހިރާއްޖޭގެ ތަރައްޤީއާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަން ފާހަގަކުރެއްވިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންކަމަށެވެ.
މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!