ޔަހޫދީންގެ ދީނީ މުނާސަބަތެއް ކަމަށްވާ 'ތިޝާ ބިއާވް' އާ ދިމާކޮށް، އިސްރާއީލުގެ ހަރުކަށި ފިކުރުގެ 4,200 އަށްވުރެ ގިނަ މީހުން އިސްތިއުމާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތުގެ ގޯތިތެރެއަށް ވަދެގަނެފި ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. މިއީ ދުވަހުގެ ކުރީކޮޅު ރިޕޯޓްކުރި 2,300 މީހުންނަށްވުރެ ބޮޑުތަނުން އިތުރު އަދަދެކެވެ.
މި އަމަލުގައި އިސްރާއީލުގެ ހަރުކަށި ފިކުރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގަވީރު ވެސް ވަނީ ބައިވެރިވެފައެވެ. އޭނާ މިސްކިތުގެ ގޯތިތެރެއަށް ވަނީ ފުލުހުންގެ ވަރުގަދަ ސަލާމަތީ ރައްކާތެރިކަމާއެކުގައެވެ. މި ހަރަކާތުގައި ބެން-ގަވީރުގެ އިތުރުން ހަރުކަށި ފިކުރުގެ އެކްޓިވިސްޓުންނާއި ކަނާތު ފިޔަހުގެ ސިޔާސީ މީހުން ބައިވެރިވެފައިވެއެވެ.
މި އަމަލަކީ އަލްއަޤްޞާ މިސްކިތުގެ 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ހާލަތާ ހިލާފު ކަމެކެވެ. އުރުދުންގެ ބެލުމުގެ ދަށުން ހިންގާ އިސްލާމިކް ވަގްފްގެ އުސޫލުތަކުގެ ދަށުން، މުސްލިމް ނޫން މީހުންނަށް ވަކި ގަޑިތަކެއްގައި ޒިޔާރަތް ކުރެވުނު ނަމަވެސް، އެތަނުގައި ދީނީ އަޅުކަން އަދާކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް، މިއަދުގެ ހަރަކާތުގައި ބައިވެރިވި އިސްރާއީލީން ވަނީ އިސްރާއީލުގެ ދިދަ އުފުލައި، ގައުމީ ލަވަތައް ކިޔައި، ފުލުހުންގެ ހިމާޔަތުގައި ބާތިލް ތަލްމޫދީ ދުއާތައް ކޮށްފައެވެ.
ޖައްބާރު ބެންގަވިރް އަގްސާ މިސްކިތް ގޯތިތެރޭގައި
އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ވަނީ ގުދުސްގެ ބޭރު ފާރާއި ދިމިޝްގު ގޭޓް ސަރަހައްދުގައި ވަރުގަދައަށް ސަލާމަތީ ފިޔަވަޅުތައް އަޅާފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ މުސްލިމުންނަށް މިސްކިތަށް ވަނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މިއީ އިސްރާއީލީންގެ އަމަލުތަކާ ދެކޮޅަށް މުޒާހަރާކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
އަލްއަޤްޞާ މިސްކިތަކީ އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި އެންމެ ނުތަނަވަސްކަން ބޮޑު އެއް ތަނެވެ. އިސްރާއީލުގެ ސަރުކާރުގެ އިސްވެރިން އިސްވެ ތިއްބަވައިގެން ހިންގާ މިފަދަ އަމަލުތައް ފަލަސްތީނުގެ އޮތޯރިޓީއާއި، އުރުދުން، ތުރުކީ އަދި ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މިފަދަ ކަންކަމުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމުގެ އިންޒާރު އެ ފަރާތްތަކުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!