ފޯރިގަދަ ކުޅުމަކަށްފަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން، އެ ގައުމުގެ ރަސްކަމުގެ އާއިލާއާއި އާންމު ރައްޔިތުންގެ ފަރާތުން ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ.

ހޯމަ ދުވަހު ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑް މެޑްރިޑަށް އައުމުން، އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރަސްކަމުގެ އާއިލާގެ ބޭފުޅުންނެވެ. އޭގެ ފަހުން ޓީމުގެ ކުޅުންތެރިން ވަނީ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރައްވާފައެވެ.

Ad
rt

މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މަތި ހާމައަށް ހުރި ބަހެއްގައި މެޑްރިޑްގެ މަގުތަކުގައި ޚާއްޞަ ޕެރޭޑެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕެރޭޑް ބޮޑުވަޒީރުގެ ރަސްމީ އިދާރާ ކަމަށްވާ މޮންކްލޯއާ ޕެލަސް ކައިރިން ފަށައިގެން މެޑްރިޑްގެ ތާރީޚީ މަގުތަކުން ދަތުރުކޮށް، ސިބެލެސް ސްކޮޔަރއާ ހަމައަށް ކުރިއަށްދާނެއެވެ. މި މަގުތަކަށް އެތައް ލައްކަ ސަޕޯޓަރުންނެއް އެއްވާނެ ކަމަށް ބެލެވެއެވެ. ސިބެލެސް ސްކޮޔަރ އަކީ އާންމުކޮށް ސްޕެއިންގެ ޓީމުތަކުން ކާމިޔާބީ ފާހަގަކުރުމަށް އެއްވާ ސަރަޙައްދެވެ.

އާދީއްތަ ދުވަހު އެމެރިކާގެ ނިއު ޖަރޒީގެ އީސްޓް ރަދަފޯޑްގައި ކުޅުނު ފައިނަލް މެޗުގައި ސްޕެއިން ތަށި އުފުލާލީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކުރުމަށްފަހުއެވެ. މިއީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕަށްފަހު، ސްޕެއިންއިން މި ތަށި ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

މި މުބާރާތް އިންތިޒާމުކުރި ތިން ގައުމުގެ ވެރިން ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބައުމްގެ އިތުރުން ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވަނީ ސްޕެއިން ޓީމަށް މަރުޙަބާ ވިދާޅުވެފައެވެ.

މެޑްރިޑްގައި އުފާފާޅުކުރަނީ، ފޮޓޯ: އޭޕީ

މެޗު ނިމުމާއެކު މެޑްރިޑްގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެ، އުފާފާޅުކުރަން ފެށިއެވެ. ގައުމީ ދިދަ ހިފައިގެންނާއި ޓީމުގެ ޖާޒީގައި ތިބި ސަޕޯޓަރުން ހޯމަ ދުވަހުގެ ފަތިހާ ހަމައަށް ނަށާ، ލަވަކިޔާ އުފާފާޅުކުރިއެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. ނިދިިީ އެންމެ ތިން ހަތަރު ގަޑިއިރު ނަމަވެސް، ޓީމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރު،" 19 އަހަރުގެ ވިކްޓަރ އަލްވަރޭޒް ބުންޏެވެ.

މި ކާމިޔާބީއާއެކު ސްޕެއިން ވެފައިވަނީ އެއްވަގުތެއްގައި ދުނިޔޭގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕް ތަށި އޮތް ހަމައެކަނި ގައުމަށެވެ. ސްޕެއިންގެ އަންހެން ޓީމުން ވަނީ 2023 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ.

ނަމަވެސް، މި އުފާވެރިކަމުގެ ތެރޭގައި ހިތާމަވެރި ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. ސަލަމަންކާ ސަރަޙައްދުގައި އުފާފާޅުކުރުމަށް ފައްވާރާއަކަށް އެރި 13 އަހަރުގެ ކުއްޖަކު، އެ ފައްވާރާ ވެއްޓުމުގެ ސަބަބުން ވަނީ މަރުވެފައެވެ.

2010 ވަނަ އަހަރު ސްޕެއިންއިން ތަށި ހޯދިއިރު އެ ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށުގައެވެ. ނަމަވެސް މިއަދު ސްޕެއިން ފެންނަނީ އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ، ވަޒީފާ ނެތް މީހުންގެ އަދަދު މަދުވެފައިވާ، އަދި ސިޔާސީ ގޮތުންވެސް ހަމަޖެހުން އޮތް ގައުމެއްގެ ގޮތުގައެވެ.

ޓީމުގެ ޕެރޭޑް ފެށުމުގެ މާ ކުރިން، ގަދަ އަވީގައި ކުޑަ ހިފައިގެން އެތައް ހާސް ސަޕޯޓަރުންނެއް ވަނީ މަގުމަތީގައި މަޑުކުރަން ފަށާފައެވެ. އޭރު މެޑްރިޑްގެ ހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގައެވެ.