ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޤަޠަރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ ޤަޠަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިޚް ޙަމަދު ބިން ޚަލީފާ އަލްޘާނީ އިއްޔެ އަވަހާރަވުމާ ގުޅިގެން، އެ ޢާއިލާއަށް ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޤަޠަރުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިޚް ތަމީމް ބިން ޙަމަދު އަލްޘާނީއަށާއި ޝާހީ ޢާއިލާއަށް ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ރައްދުކުރައްވާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިންވެސް މިވަގުތު ޤަޠަރަށް ވަޑައިގަންނަވަމުންދާކަން ފާހަގަކުރެވެއެވެ.

ޤަޠަރުގެ ކުރީގެ އަމީރު ހަމަދު ބިން ޚަލީފާ އަލްޘާނީ، އަވަހާރަ ވީ 12 ޖުލައި ވީ އާދީއްތަ ދުވަހުއެވެ. ޤަޠަރުގެ ތަރައްޤީގެ ބާނީ، އުމުރުފުޅުން 74 އަހަރުގައި އަވަހާރަވީ 1448 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 27 ވީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަމީރު ހަމަދުގެ ކަށުނަމާދު އޮތީ އެ ދުވަހުގެ މަޣުރިބު ނަމާދަށްފަހު، އިމާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު މިސްކިތުގައެވެ. އެއަށްފަހު އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލެވުނީ ލުސައިލް ގަބުރުސްތާނުގައެވެ. މި ހިތާމަވެރި ވަގުތާ ގުޅިގެން ޤަޠަރުގައި ހަތަރު ދުވަހުގެ (ހިތާމަފާޅުކުރުން) އިޢުލާންކޮށް، ދިދަތައް ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

އަމީރު ހަމަދަކީ ޤަޠަރުގެ އާދައިގެ ދިރިއުޅުމަކުން، ސަރަޙައްދީ ބާރަކަށް ބަދަލުކޮށްލެއްވި ހިކުމަތްތެރި ލީޑަރެކެވެ. އެމަނިކުފާނު ވެރިކަން ކުރެއްވީ 1995 އިން ފެށިގެން، 2013 ވަނަ އަހަރު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވައި، ހަތަރުވަނަ ފިރިހެން ދަރިކަލުން އަދި މިހާރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީއާ ވެރިކަން ޙަވާލުކުރައްވަންދެނެވެ.

ޝައިޚް ހަމަދުގެ ޒަޢާމަތުގައި އަލްޖަޒީރާ ޓީވީ ނެޓްވޯކް އުފައްދަވައި، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުޞަތު ހޯއްދަވައިދެއްވައި، ދުނިޔޭގެ ޗާޓުގައި ޤަޠަރުގެ ނަން އުުުުސްމިނަކަށް އުފުއްލަވައިދެއްވިއެވެ. އެމަނިކުފާނުގެ 18 އަހަރުވީ ވެރިކަމުގައި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްއާއި، 2012 ވަނަ އަހަރުގެ އދ. ގެ މޫސުމީ ބަދަލުތަކާބެހޭ ކޮންފަރެންސާއި، ދޯހާ އެގްރީމެންޓް ފަދަ ބައިނަލްއަޤުވާމީ ބޮޑެތި ޙަރަކާތްތަކެއް އެ ޤައުމުގައި ބޭއްވުނެވެ.

ޝައިޚް ހަމަދު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ޤަޠަރަކީ އިޤްތިޞާދީ ގޮތުން ދަތި، ކުޑަ ޤައުމެކެވެ. ނަމަވެސް، މަދު އަހަރުތަކެއްގެ ތެރޭގައި އެމަނިކުފާނު ވަނީ އެ ޤައުމު ބައިނަލްއަޤުވާމީ މައިދާނުގައި ބާރުގަދަ ޤައުމަކަށް ބަދަލުކޮށްލައްވާފައެވެ. ބެލްޖިއަމްގެ ތިންބައިކުޅަ އެއްބައިގެ ބޮޑުމިން ހުރި ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ރިޒާވް އޮތް އެއް ޤައުމުގެ ގޮތުގައި ޤަޠަރު ބަދަލުކޮށްލެއްވީ އެމަނިކުފާނުގެ ދުރުވިސްނުންފުޅުގެ ދަށުންނެވެ.

ބައިނަލްއަޤުވާމީ ބައިވެރިވުންތަކާއި އިންވެސްޓްމަންޓްތަކުގެ އެހީގައި، ޤަޠަރު ވެގެންދިޔައީ ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އެކްސްޕޯޓްކުރާ އެއް ޤައުމަށެވެ. އަދި ބޮލަކަށް ޖެހޭ އާމްދަނީގެ ނިސްބަތުން ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގެ ތެރޭގައި ހިމެނުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޤަޠަރުގެ އާބާދީ ދެ މިލިއަނާ ގާތްކުރިއިރު، އޭގެ ތެރެއިން ގިނައީ ބޭރު ޤައުމުތަކުގެ މީހުންނެވެ.

ޤަޠަރު އިންވެސްޓްމަންޓް އޮތޯރިޓީ އުފައްދަވައި، ޖަރުމަނުގެ ފޯކްސްވެގަން ކުންފުންޏާއި، ލަންޑަނުގެ ހެރޮޑްސް ޑިޕާޓްމަންޓް ސްޓޯރާއި، ފަރަންސޭސިވިލާތުގެ ޕީ.އެސް.ޖީ ފުޓްބޯޅަ ކްލަބް ފަދަ ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގައި އެތައް ބިލިއަން ޑޮލަރެއް އިންވެސްޓްކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްޠީނުގެ ޣައްޒާއަށް އެހީވުމުގައި ވެސް ޝައިޚް ހަމަދު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން ޣައްޒާގައި މަގުތައް ހެދުމާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތަކަށް އެތައް މިލިއަން ޑޮލަރެއް ޚަރަދުކުރެއްވިއެވެ. ޣައްޒާގައި ހުންނަ ބޮޑު ހޮސްޕިޓަލެއް އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކުރެވިފައިވެއެވެ.