ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

މިކަމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

Ad
rt

މި ޤަރާރުގެ ޖަދުވަލުގައި، ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު މަޝްރޫޢުތަކުގެ އިތުރުން، އެ މަޝްރޫޢުތައް ހަވާލުކުރެވޭ ފަރާތްތަކުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ވެސް ވަނީ ހިމަނުއްވާފައެވެ. މީގެ ތެރޭގައި ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތުތަކުގެ ދަށުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢުތައް ހިމެނެއެވެ.

މި ގަރާރުގެ ދަށުން ފަސް ދާއިރާ އަކުން 19 މަޝްރޫޢުއެއް ވަނީ ކަނޑައަޅުއްވާފައެވެ.

މީގެ ތެރޭގައި އައްސޭރި ޓޫރިޒަމް ހިންގުމާއި، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކު ތަރައްގީ ކުރުމާއި ހެރިޓޭޖް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމާއި، ޑޮމެސްޓިކް އެއާޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް އަޕްގްރޭޑް ކުރުމާއި އަދި އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ހިމެނެއެވެ.

މީގެ އިތުރުން ޖަލްތަކާއި، މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫޢޫތަކާއި، ހައި ޕާރފޯމެންސް ސެންޓަރެއް ގާއިމުކުރުމަށާއި، ކުނި މެނޭޖް ކުރުމާއި، ވޭސްޓް ކަލެކްޝަން ސެންޓަރތައް ގާއިމުކުރުމާއި އަދި ފެނާ ނަރުދަމާ ގާއިމުކޮށް އެ ނިޒާމް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކުގެ ދަށުން ނެރުއްވާފައިވާ ޤަރާރެކެވެ. އެ ޤާނޫނުގައިވާ ގޮތުގެ މަތިން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާ މަޝްރޫޢުތައް ކޮންމެ އަހަރަކު ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.