ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ 24 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއަށް އައި ފަސިންޖަރެއްގެ އަތުންނެވެ.

Ad
rt

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 941 ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސް އިން އިތުރަށް ހާމަކުރި ގޮތުގައި، އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (Methamphetamine) އަށް ޕޮޒިޓިވް ވެފައެވެ.

މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.8 މިލިއަން ދިވެހި ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކުރެވިފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސް އިން އަންނަނީ ބޯޑަރުތަކުގައި ހާއްސަ ފާރަވެރިކަމެއް ބަހައްޓަމުންނެވެ.