ކުރީގެ ހަ ރައީސުންގެ ޚިދުމަތުގައި ރިޔާސީ ގަނޑުވަރު މުލީއާގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މ. ފަތްކޯނި، އިބްރާހީމް ޙަލީމް މިއަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ޙާޞިލުކުރަައްވައިފައިވާ އިބްރާހީމް ޙަލީމް އަވަހާރަވުމުގެ ހިތާމައިގައި އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި ބައި ގަރުނަށްވުރެ ދިގު މުއްދަތެއްގެ އިޚުލާޞްތެރި ޚިދުމަތުގެ ބޮޑުބަޔެއް މަރްޙޫމް އިބްރާހީމް ޙަލީމް ހޭދަކުރެއްވީ މުލީއާގޭގަައިކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad
rt

އިބްރާހީމް ޙަލީމަކީ ރާއްޖޭގެ ކުރީގެ ހަ ރައީސުން ކަމަށްވާ ރައީސް އިބްރާހިމް ނާސިރާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް މުހައްމަދު ވަހީދާއި، ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ނުހަނު ކަމޭހިތުމާއި ފަރުވާތެރިކަމާއެކު މަސައްކަތްކޮށްދެއްވައިފައިވާ ބޭފުޅެކެވެ.

ޙަލީމްގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވާފައެވެ.