ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތަށް ޑިވިޑެންޑްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 160 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ. .

މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި ލިބޭނެ ކަމަށް އަމާޒު ހިފާފައިވަނީ 552 މިލިއަން ރުފިޔާއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ ބަޖެޓުގައި އަމާޒު ހިފާފައިވާ މިންވަރުގެ 30 ޕަސަންޓެވެ. ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކަށް ލިބޭ ސާފު ފައިދާ ދަށްވުމެވެ.

Ad
rt

ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކުރަނީ އެންމެ 6 ކުންފުންޏަކުން

ދައުލަތުގެ ހިއްސާ އޮންނަ 30 ކުންފުނީގެ ތެރެއިން މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ހަ ކުންފުންޏަކުންނެވެ. އެއީ ދިރާގު، ބީއެމްއެލް، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ، އެޗްޑީސީ އަދި އެމްޕީއެލް އެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ޑިވިޑެންޑް ލިބިފައިވަނީ ހަމައެކަނި ދިރާގާއި ބީއެމްއެލް އަދި އެޗްޑީސީއިންނެވެ.

މި އަހަރު އެންމެ ގިނައިން ޑިވިޑެންޑް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ދިރާގުންނެވެ. އެ ކުންފުނިން 262 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާއިރު، ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 154 މިލިއަން ރުފިޔާއާއެކު ބީއެމްއެލް އިންނެވެ.

މީގެ އިތުރުން އެމްއޭސީއެލް އިން 50 މިލިއަން ރުފިޔާ، އެމްޑަބްލިއުއެސްސީއިން 30 މިލިއަން ރުފިޔާ، އެޗްޑީސީ އިން 20 މިލިއަން ރުފިޔާ އަދި އެމްޕީއެލް އިން 12 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ހޯދުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.