ސްކައުޓް ހަރަކާތަކީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ މެދުގައި ޖޯގުރަފީ ގޮތުން އޮންނަ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށާއި، އެއީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް ކަމަށް ރާއްޖޭގެ ޗީފް ސްކައުޓް އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަދި ނަފްސު އިސްލާހުކުރުމާއި ރިވެތި އަޚްލާޤުގެ ބިންގަލުގެ މަތީގައި ޒިންމާދާރު ޖީލެއް ބިނާކުރާ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. ކޮންމެ ސްކައުޓެއްގެ ކިބައިން ފެންނަ ހިތްވަރާއި ޢަޒުމަކީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޤައުމީ ބޮޑެތި ކާރިސާތަކާއި ނުރައްކާތެރި ދަނޑިވަޅުތަކުގައި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައިވެސް ސްކައުޓުން ވަނީ އެއްވެސް ޖެހިލުމެއްނެތި ޤައުމީ ޚިދުމަތުގައި ތައްޔާރަށް ތިބޭނެ ބައެއްކަން ސާބިތުކޮށްދީފައި ކަމަށެވެ. ސްކައުޓުންގެ ހިތްތަކުގައިވާ ހިލޭ ސާބަހަށް ޚިދުމަތް ކުރުމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
''ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަންވެސް ހަނދާންކުރަންޖޭ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައި އަޅުގަނޑުމެންނަށް ގޮވާލައްވައިފައިވާ ކަމެއް، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރީތި ނަމޫނާ އަޅުގަނޑުމެންގެ ސްކައުޓުންގެ ފަރާތުން މިހާތަނަށްވެސް ވަނީ ފެނިފައި'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބުނު ހުނަރާއި ތަޖުރިބާއަކީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި މަގުދައްކައިދިން ކަންކަން ކަމަށެވެ. ޚާއްޞަކޮށް ކަބް ސްކައުޓް މޮޓޯ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގެންނެވި ތަޖުރިބާތަކެއްކަން ފާހަގަކުރެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ދިވެހި ޒުވާނުންނަކީ ޤައުމަށް ފަޚުރުވެރި ޚިދުމަތްތެރި ދަރިންތަކެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!