ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ އަންނަ އާދީއްތަ ދުވަހަށް ތާވާލުކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ދުރުކުރަން މަޖިލީހަށް ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ފާސްކުރީ މެއި 13 ވަނަ ދުވަހުއެވެ. އަދި އެދުވަހު ވަނީ އެ މައްސަލަ ވެއްދުމުގެ ގަރާރަށް ބޭނުންވާ ސޮއިވެސް ހަމަކޮށްފައެވެ. އެއަށްފަހު ޖެހިގެން އައި މެއި 14 ވަނަ ދުވަހު ވަނީ އެމައްސަލަ މަޖިލީހަށް ވައްދާފައެވެ.

Ad
rt

ނާޒިމްގެ އިތުބާރުނެތްކަމަށް ހުށަހެޅި ގަރާރުގައި ޕީއެންސީ ޕީޖީގްރޫޕްގެ 75 މެމްބަރުންކުރެ 73 މެމްބަރަކު ވަނީ ސޮއިކޮށްފައެވެ.

ނާޒިމްގެ މައްސަލަ ކުރިއަށް ގެންދާއިރު އޭނާ އަށް ވަނީ ޖަވާބުދާރީވެވަޑައިގަތުމަށް 10 މިނެޓު ކަނޑައަޅާފައެވެ. އަދި އެ މައްސަލައަށް މެންބަރުން ވާހަކަ ދެއްކެވުމަށް 50 މިނެޓު ވަނީ ކަނޑައަޅާފައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ މަދުވެގެން 24 މެންބަރުންގެ ސޮޔެވެ. މިކަމަށް ހުށަހަޅާ ގަރާރުގައި މަގާމުން ވަކިކުރަން ހުށަހަޅާ ސަބަބު ބަޔާންކުރަން ޖެހެއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ޝަރުތު ހަމަވާ މިފަދަ ޤަރާރެއް މަޖިލީހަށް ލިބުމުން، އެ ޤަރާރުގެ ލިޔުން ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައ،ި އެ ޤަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ދިނުމަށްފަހު، 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅަންޖެހެއެވެ. މި ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަންވާނ،ީ މަޖިލީހުގެ ރައީސްގެ ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުގައިކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފަވެއެވެ.

މި މައްސަލާގައި ނާޒިމަށް ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގައި ހުރި މީހަކު މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ކަމުގެ މަޤާމުން އޭނާ ވަކިވީއެވެ.