ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރު ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކުރައްވައި، މަރްޙޫމް ޢަލީ ޒުބައިރުގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އަލްމަރްޙޫމް ޢަލީ ޒުބައިރަކީ ދައުލަތަށް 43 އަހަރާއި 11 މަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
ވަކިން ޚާއްޞަކޮށް މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑާއެކުގައި މަސައްކަތްކުރެއްވިއިރު، ޢަލީ ޒުބައިރުގެ ފަރާތްޕުޅުން އަޅުގަނޑު ކޮންމެ ދުވަހަކުމެ ދުށީ މުރާލިކަމާއި އިޚުލާޞްތެރިކަމާއި ކަމޭހިތުމާއެކު ކަންކަން ކުރެއްވުމުގެ ރީތި ނަމޫނާ،" ރައީސްގެ މެސެޖުގައި ޢަލީ ޒުބައިރާއެކު މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވަމުން ވިދާޅުވެފަވެއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމު ހާސިލުކުރައްވައިފައިވާ އަލްމަރްޙޫމް ޢަލީ ޒުބައިރުގެ ޚިދުމަތުގެ 43 އަހަރާއި 11 މަހަށްވުރެ ދިގުމުއްދަތުގައި، މާލޭގެ މުނިސިޕަލް މަސައްކަތްތަކުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި.… pic.twitter.com/T2coo6Jw8j
— Dr Mohamed Muizzu (@MMuizzu) May 22, 2026
ރައީސް ވަނީ ގާތް އަޚެއްގެ ގޮތުގައި އަބަދުވެސް ހެޔޮއެދިވަޑައިގެން ދެއްވި މަޝްވަރާތަކާއި އެއްބާރުލެއްވުމުގެ ހަނދާން ދުވަހަކުވެސް ނުނެތޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ޢަލީ ޒުބައިރަކީ އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރެއްގެ ގޮތުގައި ސިފަކުރައްވަމުން، ރައީސް ވަނީ މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި، މާލެ ސިޓީގެ ރައްޔިތުންނަށާއި، މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އިޚުލާޞްތެރި ތައުޒިޔާ ދަންނަވާފައެވެ.
''އެންމެންނާ ރަޙްމަތްތެރި، އޯގާތެރި މިތުރަކު އަޅުގަނޑުމެންނާ ވަކިވެ ދިއުމުގެ ހިތާމަ އިޙްސާސްކުރާ މި ދަނޑިވަޅުގައި، މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށާއި މާލެ ސިޓީގެ ރައްޔިތުންނަށާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވީ މަރްޙޫމް ޢަލީ ޒުބައިރަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، އެކަލޭގެފާނުގެ ހެޔޮ އަމަލުތަކަށް ދަރުމައާއި ޘަވާބު އިތުރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ޢަލީ ޒުބެއިރުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލާފައި ވަނި އާސަހަރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!