ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަތް ވަނަ މެޗުގައި ހަނިމާދޫ އާއި އޭދަފުށި މިއަދު ބައްދަލުކުރި މެޗު 4-2 އިން ކާމިޔާބުކޮށް އޭދަފުށި ލީގަށް ކުރާ އުންމީދު އައު ކޮށްފިއެވެ.

އޭދަފުށީގައި މިއަދު ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ހަނިމާދޫންނެވެ. އެއީ 29 ވަނަ މިނިޓްގައި ނޫރުﷲ ތޯހާ ނަގައިދިން ކޯނަރެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އެޓީމްގެ ޖޯޒީ ނަންބަރު 30 މުހައްމަދު މަފާޒް ޖަހައިދިން ލަނޑެކެވެ. މި ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި މި ނަތީޖާގައި އޮވެގެންނެވެ.

Ad
rt

ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އޭދަފުށިން ހަނިމާދޫ އާއި ހަމަހަމަކުރި ލަނޑު ޖަހާފައި ވަނީ މެޗުގެ 59 ވަނަ މިނިޓްގައެވެ. އެއީ އޭދަފުށީ ޓީމުގެ އުޒްބެކިސްތާން ކުޅުންތެރިޔާ ޖެސޫރްބެކް ނަގައިދިން ހުރަހެއް އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުޒްބެކިސްތާނުގެ ކުޅުންތެރިޔާ ޝުހުރަބް ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން ޖަހައިދިން ލަނޑެކެވެ.

އޭދަފުށިން ވަނީ މެޗުގެ ފުރިހަމަ ވަގުތުގައި އިތުރު ތިން ލަނޑު ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ފަރަގު ބޮޑުކޮށްފައެވެ. އެއީ 71 ވަނަ މިނިޓްގައި ޝުހުރަބް ދިން ރީތި ޕާހަކުން ޖޯޒީ ނަންބަރު 10 ހުސައިން ޝަރީފް ޖަހައިދިން ލަނޑަކާއި، 77 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ފުރަތަމަ ލަނޑު ޖަހައިދިން ޝުހުރަބް ޖެހައިދިން ލަނޑަކާއި އަދި 84 ވަނަ މިނިޓްގައި ހުސައިން ޝަރީފް ޖަހައިދިން ލަނޑެކެވެ.

ހަނިމާދޫގެ ދެވަނަ ލަނޑު ފެނުނީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި، 92 ވަނަ މިނިޓްގައެވެ. އެއީ އެ ޓީމުގެ ޖޯޒީ ނަންބަރު 10 ނާއިލް ޔޫސުފް ޖަހައިދިން ލަނޑެކެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި އޭދަފުއްޓަށް ދެލަނޑު ޖަހައިދިން އެ ޓީމުގެ ހަލުވި ފޯވާޑް ހުސެން ޝަރީފެވެ.

މި ނަތީޖާއާއިއެކު ނޯތު ރީޖަނަލް ލީގުގެ ޓީމުތަކުގެ ދަރަޖަތަކަށް ބަދަލެއް އައިސްފައެއްނުވެއެވެ. މިގޮތުން ދިއްދޫ އަށް ވަނީ ކުޅުނު ތިން މެޗުން މޮޅުވުމުން ނުވަ ޕޮއިންޓާއެކު ތާވަލްގައި އެ ޓީމްގެ އެއް ވަނަ މަގާމު ދެމެހެއްޓިފައެވެ. ތާވަލުގެ ދެވަނާގައި ހަނިމާދޫ އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކު ފައިދާ ގޯލުން ކުރި ލިބިގެންނެވެ. އޭދަފުށި ތާވަލުގެ ތިންވަނާގައި އޮތީ ދެ މެޗުން މޮޅުވެ އަދި ދެ މެޗުން ބަލިވެ ހަ ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ބަލިވި މަނަދޫއެވެ.

ނޯތު ރީޖަނަލް ލީގުގައި މާދަމާ ދިއްދޫގައި ދިއްދޫ ނުކުންނާނީ މަނަދޫ އާއި ދެކޮޅަށެވެ. ދިއްދޫ ވަނީ މަނަދޫގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފައެވެ. މާދަމާ މެޗުން ދިއްދޫ މޮޅުވެއްޖެނަމަ އެ ޓީމު ޕޮއިންޓްގެ ގޮތުން ފަރަގު ބޮޑުވެ، 12 ޕޮއިންޓް ލިބޭނެއެވެ.