މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް މެމްބަރުން ހޮވަން ދީފައިވާ ތިން ވޯޓު ކަރުދާހެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ އެވެ.

ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކާމިޔާބުވިއިރު, ޕީއެންސީއަށް ކުރިން ލިބިފައި އޮތީ އެންމެ ގޮނޑި އެކެވެ.

Ad
rt

އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ ހުށަހެޅީ އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ދެ ވޯޓުގެ ތަފާތަކުން ހޮވުނު ކަމަށް އިއުލާން ކުރިއިރު, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު ވޯޓުތަކުގެ ތެރޭގައި ބާތިލް ތިން ވޯޓެއް ހިމެނޭ ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ވޯޓު ކަރުދާހުގައި ހެޔޮ ފާހަގައެއް ޖެހުމުގެ އިތުރުން އިތުރު ކުރެހުމެއް ނުވަތަ ނިޝާނެއް ހުރެއްޖެނަމަ އެ ވޯޓެއް ބާތިލްވާނެ ކަމަށް އިންތިހާބުތަކާބެހޭ އާންމު ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މައްސަލާގައި ހިމެނޭ ތިން ވޯޓު ކަރުދާހުގައި އިތުރު ފާހަގަ ނުވަތަ ދެލިތަކެއް ފެންނަން ހުރިއިރު, އެއީ ޕްރިންޓް ކުރުމުގައި ދިމާވި ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވިޔަސް, އެއީ ޕްރިންޓް ކުރުމުގައި ދިމާވި ކަމެއްކަން ސާބިތުނުވާ ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ, އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނު އެ ތިން ވޯޓު ކަރުދާސް ބާތިލްކޮށް, އެ ވޯޓުތައް އަލުން ގުނުމަށްފަހު ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށް ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެ އެވެ.

އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުالله އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. ނަމަވެސް ރައުޔު ތަފާތުވި ފަނޑިޔާރު އިބްރާހިމް މާހިރުގެ ރައުޔަކީ އެ ވޯޓުތައް ބާތިލްކޮށް, ނަތީޖާ އަލުން ގުނަން ނުޖެހޭނެ ކަމަށެވެ.