"އަދަދު" އޮންލައިން ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޛްފު ކުރުމުގެ ކުށުގެ ދައުވާ އުފުލައި، އެ ނޫހުން ތައްޔާރުކުރި "އައިޝާ" ނަމަކަށް ކިޔާ ވީޑިއޯ ޑޮކިއުމެންޓަރީ ދައުރުކުން ކްރިމިނަލް ކޯޓުގެ އަމުރަކުން މަނާކޮށްފިއެވެ.

މި މައްސަލައަކީ 28 މާރިޗު 2024 ގައި "އަދަދު" އޮންލައިންއިން އާންމުކުރި "އައިޝާ" ޑޮކިއުމެންޓަރީގައި، މާލެ/މ.ދިމްޔާތު، ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއް ރައްދުވާ ގޮތަށް މައުލޫމާތު ފަތުރާފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި މައްސަލައެކެވެ. މި ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ، ގަޛްފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، އިސްލާމްދީނުގައި މިކަން ނަހީކުރައްވާފައިވަނީ މީހުންގެ އަބުރާއި އިއްޒަތް ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ ދަށުން ކޮންމެ މީހެއްގެ އަބުރު ރައްކާތެރިވެފައި އޮތުމަކީ ލިބިދޭ ހައްގެއްކަންވެސް ކޯޓުގެ އަމުރުގައި ވެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ކޯޓުން ވަނީ ތިން ކަމަކަށް އަމުރުކޮށްފައެވެ. އެއީ،

  • ދައުވާ ކުރެވިފައިވާ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުމަށް.
  • މިއީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި، ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިއްރުކޮށްގެން ކުރިއަށްގެންދާ ޝަރީއަތަކަށްވާތީ، މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ނުފެތުރުމަށް.
  • މި އަމުރާ ހިލާފަށް ކުރާ ކޮންމެ އަމަލަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް.

ކޯޓުން އިތުރަށް ބުނެފައިވަނީ، ޝަރީއަތުގެ މަރުހަލާގައި މައްސަލަ އޮންނަ އިރު، ދައުވާ ލިބޭ ފަރާތާއި ކުށުގެ ޝިކާރައަށްވީ ފަރާތުގެ ހައްގުތައް ހަމަހަމަކުރަންޖެހޭ ކަމަށެވެ. އެފަދައިން އަމަލު ނުކޮށްފިނަމަ، އިޔާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.