ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ހަ ވަނަ މެޗުގައި ދިއްދޫ އިން މަނަދޫ ބަލިކޮށް، ލީގުގައި ދިއްދޫގެ ތިންވަނަ މޮޅު ހޯދައި އަނެއްކާ ވެސް ތާވަލުގެ އެއްވަނަ ޔަގީންކޮށްފިއެވެ.

މަނަދޫގައި މިއަދު ހަވީރު ކުޅުނު މެޗެ ދިއްދޫ ކާމިޔާބުކުރީ 2-0 އިންނެވެ.

Ad
rt

މިއަދު މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ދިއްދޫއެވެ. މި މެޗުގައި ދިއްދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ 19 ވަނަ މިނިޓްގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 25 ޔޫސުފް އެވެ. މިލަނޑަކީ މަނަދޫ އޭރިއާ ބޭރުން މަނަދޫގެ މިފްޒާލް އެޓީމުގެ އަލީ ޒިޔާދަށް ދިން ޕާހެއް ސީދާ ޔޫސުފްގެ ފަޔަށް ލިބުމުން ގޯލް އޭރިއާ ތެރެއަށްވަދެ ކުޅުންތެރިއަކު ނައްޓާލުމަށްފަހު ހަމަޖެހިލައިގެން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ދެވަނަ ހާފުގައި މަނަދޫ ވެސް ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

ދިއްދޫ އަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ ދެވަނަ ހާފުގައި، 90 ވަނަ މިނިޓްގައި ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ބެނަރޑް އެވެ. އެއީ އޭރިއާ ބޭރުގައި ހުރެފައި ޖެހި ބާރު ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި ދިއްދޫ އަށް ފުރަތަމަ ލަނޑު ޖަހައިދިން ބިދޭސީ ކުޅުންތެރިޔާ ޔޫސުފް އަށް އިތުރު ގިނަ ރަނުގެ ފުރުސަތުތަކެއް ލިބި ބޭކާރުވިކަން ފާހަގަކޮށްލެވެ.

މި ނަތީޖާ އާއިއެކު ދިއްދޫ ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލީގުގެ ތާވަލުގެ އެއްވަނަ އަށް އަނެއްކާ ވެސް އަރާފައެވެ. މި މެޗުން ބަލިވުމުން މަނަދޫ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ތާވަލުގެ ފަހަތުގައި އޮތް މަގާމުގައި މަޑުޖެހިފައެވެ.

ނޯތު ރީޖަނަލް ލީގުގެ ދެވަނާގައި ހަނިމާދޫ ހަ ޕޮއިންޓާއެކު އޮތްއިރު، ތިންވަނާގައި އޮތް އޭދަފުއްޓަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

ދެން މި ލީގުގެ ޖެހިގެން އަންނަ ދެ މެޗު އޮންނާނީ 13 މެއި އަދި 14 ވަނަ ދުވަހުއެވެ. 13 ވަނަ އޭދަފުށީގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުއްޓާއި ހަނިމާދޫ އެވެ. 14 ގައި ދިއްދޫގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިއްދޫ އާއި މަނަދޫ އެވެ.