މާލޭގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގު ކުރަން އަންނަކަމަށް އެ އިދާރާއިން މިއަދު ބުނެފިއެވެ.

ްއެ މައްްސަލައާއި ގުޅިގެން ބައެއް ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުތަކަށް ޖަވާބުދެމުން ފުލުހުން މިއަދު ބުނީ، 24 އޭޕްރީލް 2026 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން މޭޔަރަށް ހަމަލާދޭން އުޅުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Ad
rt

މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ސަހަރާ ކައިރިން އެމްޑީޕީގެ މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް، ކުރިމައްޗަށް އެރި ޒުވާނަކު ކުއްލި ގޮތަކަށް އާޒިމްގެ މޭގައި ޖަހައި ކޮއްޕާލުމުންނެވެ. ޓީވީތަކުން ލައިވް ކުރަމުން ދިޔަ މި އެއްވުމުގެ ތެރެއިން އެ ޒުވާނާ އާޒިމް ކޮއްޕާލުމާއެކު، އެއްވުމުގެ ބައިވެރިން ވަނީ އާޒިމްގެ ދިފާއުގައި ނުކުމެ އެ ޒުވާނާ ދުރަށް ޖައްސާފައެވެ. މި ހަމަލާގެ ތުހުމަތު އާޒިމް ވަނީ ސަރުކާރަށް އަމާޒު ކުރައްވާފައެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މިއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވުމަކީ ހައިރާންވާ ކަމެއް ކަމަށެވެ.

"މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން. ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ތަރުޖަމާނު ވިދާޅުވިއެވެ.

އާޒިމް ކުރެއްވި ތުހުމަތަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށްވެސް އޭނާ ވިދާޅުވެފަވެއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގި ފަހުން އެމްޑީޕީން ނުވަތަ ސިޓީ ކައުންސިލުން ވެސް ރަސްމީކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ނުވާތީ ހިތާމަކުރައްވާ ކަމަށެވެ. ނަމަވެސް، މީސްމީޑިއާގައި ދައުރުވި ވީޑިއޯ ފެނުމާއެކު ފުލުހުން ވަނީ އަމިއްލަ އިސްނެންގެވުމުގެ މަތިން މި މައްސަލަ ތަހުގީގު ކުރަން ފަށާފައިކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މާލޭގެ މޭޔަރަކީ ދައުލަތުގެ ފަރާތުން ސެކިއުރިޓީ ލިބޭނެ ބޭފުޅެއްކަން ފާހަގަކުރައްވައި، ތަރުޖަމާނު ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އޮތް ނުރައްކާ ބެލުމަށް ފުލުހުން އަބަދުވެސް ތްރެޓް އެސެސްމަންޓް ހަދަމުންދާނެ ކަމަށެވެ. އަދި އެފަދަ އެސެސްމަންޓަކުން ނުރައްކަލެއް އޮތްކަން ފާހަގަކުރެވިއްޖެނަމަ، ފުލުހުން އިސްވެ ސެކިއުރިޓީގެ ކަންކަން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.