ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އިއްޔެ ކަރަންޓުގެ ޚިދުމަތް މެދުކެނޑެން ދިމާވީ، އެ ސަރަހައްދުގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން ކަރަންޓު ކޭބަލަކަށް ގެއްލުންވެފައިވާތީކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ، ކަރަންޓް ކެނޑުމުން މައްސަލަ ވީހާވެސް އަވަހަށް ޙައްލުކޮށް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށެވެ.
މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް، ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނުކަން ސްޓެލްކޯއިން ފާހަގަކުރިއެވެ. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރ" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ގެއްލުން ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާ ކުރިމަތިވެ، އަސާސީ ޚިދުމަތްތަކަށް ބުރޫއަރަމުންދާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ސްޓެލްކޯއިން ވަނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ބައްދަލުކޮށް، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީ، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން މަސައްކަތް ކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯއިން އިތުރަށް އެދިފައިވަނީ، ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ ލަސްނުކޮށް އެކަން އެ ކުންފުންޏަށް އެންގުމަށެވެ. އަދި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!