މެދުއިރުމަތީގައި ހިނގަމުން އައި ހަނގުރާމަ އާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް ގެންނަވައިފިއެވެ.
މި ކޮމެޓީއަކީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު އުފެއްދެވި ކޮމެޓީއެކެވެ.
މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ބަދަލާއެކު ކޮމިޓީގެ އެކުލެވުމަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ.
މި ބަދަލާއެކު ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:
އަލްފާޟިލް މޫސާ ޒަމީރު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް (ޗެއަރ)
އަލްފާޟިލާ އިރުތިޝާމް އާދަމް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް
އަލްފާޟިލް މުޙައްމަދު ސަޢީދު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
އަލްފާޟިލް އަޙްމަދު ޝިޔާމް، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
އަލްފާޟިލް މުޙައްމަދު އަމީން، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މި ކޮމެޓީއަކީ މެދުއިރުމަތީގެ މަސްރަޙަށް އަންނަ ބަދަލުތަކާއި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކުލަވާލާފައިވާ މުހިންމު ކޮމެޓީއެކެވެ.
މެދު އިރުމަތީގައި އީރާނާއި ދެކޮޅަށް އެމެރިކާ އާއި އިޒްރޭލު ގުޅިގެން 28 ފެބްރުއަރީގައި ފެށި ހަނގުރާމަ މިވަގުތު އޮތީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި ހަނގުރާމަ މެދުކަނޑާލި މުއްދަތު މި މަހުގެ 22 އަށް ހަމަވާއިރު، ދެވަނަ ބުރުގެ މަޝްވަރާ އަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މި ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ޕާކިސްތާނުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާ ވަނީ ނާކާމިޔާބުވެފައެވެ.
މެދު އިރުމަތީގައި ހިނގަމުން އައި އަނެއް ހަނގުރާމައަކީ ލުބްނާނުގެ ހިޒުބުﷲއާއި ދެކޮޅަށްކަމަށްބުނެ އިސްރާއީލުން ފެށި ހަނގުރާމައެވެ. މި ހަނގުރާމަ ވެސް ވަގުތީ ގޮތުން 10 ދުވަހަށް ހުއްޓައިލަން މިއަދު ވަނީ އެއްބަސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!