ކޮންގްރެސް ޕާޓީން ވާހަކަ ދައްކާނީ ހެއްކާއި އެކުގައި ކަމަށާއި ރައްޔިތުން އިންތިހާބުތަކާ ދުރުކުރުމުގެ ވިސްނުން އުފެއްދި ޕާޓީއަކީ ވެސް އަދި އެގޮތަށް އަމަލުކޮށް ރައްޔިތުން އިންތިހާބުތަކާ ދުރުކުރީވެސް އިދިކޮޅު އެމްޑީޕީން ކަމަށް ކޮންގްރެސް ޕާޓީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ "ދިވެހީންގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމީ ރައްޔިތުން އިންތިހާބުތަކާ ދުރުކުރަން ކަމަށް ބުނެ އެމްޑީޕީން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުން ނެވެ.

Ad
rt

ޝުޖާއު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުތައް ބޭއްވުމަށް ފަހު އެ މެމްބަރުންގެ ތެރެއިން ބަޔަކު އިސްތިއުފާ ދޭން ފެށުމާއެކު މި އިންތިހާބުތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމީ އެމްޑީޕީން ކަމަށެވެ.

"މި ކިހިނެއްތޯ މި ހެއްދެވީ. އިންތިހާބުތަކާ ރައްޔިތުން ދުރުކުރީ އެމްޑީޕީން ނޫންތޯ؟. އެބޭފުޅުންގެ ހެޔޮ ނިޔަތެއް އޮތް ނަމަ ހަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންވީ ނޫންތޯ؟. ޑަބުލިއުޑީސީގެ މެމްބަރުން އިސްތިއުޖފާ ދޭންފެށީމަ ގާނޫނަށް ބަދަލު ގެނެސްގެން އެއް އަހަރު ދުވަސް ފަހުން ހުސްވާ ގޮޑިތަކަށް މީހުން އިންތިހާބު ކުރަން ނިންމާލީ. ރައްޔިތުން އިންތިހާބާ ކައިރިތޯ މިވީ؟ ދުރެއް ނޫންތޯ މިކުރީ. އެކަން ކުރީ ކޮން ބައެއްތޯ؟ އެމްޑީޕީން ނޫންތޯ؟. އަޅުގަނޑުމެންގެ ވިސްނުމަކީ އިންތިހާބުތަކާ ރައްޔިތުން ކައިރި ކުރުން. " ޝުޖާއު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބު އެކީގައި ބާއްވަން ފެނިވަޑައިގަންނަވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް 2020 ވަނަ އަހަރު ވިދާޅުވެފައިވާ ކަމަށާއި ހަގީގީ އެމްޑީޕީގެ ފިކުރަކީ އެއީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.