ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމަށްވާ ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަން، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް" ގެ ނަމަށް ބަދަލުކުރައްވައިފިއެވެ.
ރައީސްގެ ގަރާރަކުން މި ބަދަލު ގެންނަވާފައިވާއިރު، ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑަކީ ރާއްޖެ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހަދައި، އިގްތިސާދު ކުރިއެރުވުމަށް 2025 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ޑިޖިޓަލް ފައިނޭންސާއި، ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިންގ ފަދަ މާލީ ޚިދުމަތްތައް ރާއްޖޭގައި ތަރައްގީކޮށް ތަންފީޒުކުރުމެވެ.
މި ކުންފުނީގެ ނަން ބަދަލުކުރަން ނިންމެވީ، ކުންފުނީގެ ނަމާއި މަގުސަދުތަކަށް ބަދަލު ގެނައުމަށް ކުންފުނީގެ ބޯޑުން ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތަކާއި ބޭންކިންގގެ އިތުރުން މާލީ ޚިދުމަތްތަކުގެ ސިނާއަތް ކުރިއަރުވައި، ރާއްޖެއަކީ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުން ކުންފުނީގެ އައު މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
އިހަވަންދިއްޕޮޅު މަޝްރޫއު އިތުރަށް ތަރައްގީކުރަން ފްރޭމްވޯކް އެއްބަސްވުމެއް
މީގެ އިތުރުން، ރާއްޖޭގެ ސަރަހައްދުގެ އިސްތިރާޖީ މަންފާ އެންމެ އެދެވޭ ގޮތެއްގައި ހާސިލުކުރުމާއި، "ތިލަދުންމަތީ އުތުރުބުރީ އިހަވަންދިއްޕޮޅު" ތަރައްޤީކުރުމުގެ މަޝްރޫޢު ވިލަރެސްކޮށް ތަންފީޒުކުރުމުގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީވެސް މި ކުންފުނީގެ މުހިންމު ލަނޑުދަނޑިއެކެވެ.
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި
ރައީސްގެ ޤަރާރުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ބަދަލުތަކަކީ ކުންފުނީގެ ތަޞައްވުރާ އެއްގޮތަށް އިސްތިރާޖީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށްޓަކައި ގެނެވުނު މުހިންމު ބަދަލުތަކެކެވެ. މީގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ސީދާ ވާސިލުވުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.
އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފިއުލް ސްޓޯރެޖެއް ހަދަނީ
ސަރުކާރުން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް 19 ސެޕްޓެމްބަރު 2024 ގައި އިފްތިތާޙްކޮށްފައިވާއިރު، ސަރުކާރުން ދަނީ އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ތަރައްގީކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ވަނީ 9 ނޮވެމްބަރު 2024 ގައި ސޮއިކޮށްފައެވެ.
އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" ނަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯނެއް
މި ފްރޭމް ވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭނާއި އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެއެވެ. މީގެ އިތުރުން ފައިނޭޝަލް އެސެސްމަންޓް ހެދުމާއި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ މުހިންމު ކޮމާޝަލް ޓާމްސް ކަނަޑައެޅުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އެއިރު ސަރުކާރުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!