އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓް" ގެ ދަށުން އެކަމާއި ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު (ސީއޭއައި) ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓު ފްރީ ޒޯން (އެމްއައިޑީއެފްޒެޑް) އިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތްވާގޮތުގެ މަތީން މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ސޮއިކުރެވުނު އެއްބަސްވުމެކެވެ.

Ad
rt

އެމްއައިޑީއެފްޒެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އަދި ސީއޭއައިގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރ ޓަން ކުން ޗީއާއޯ ޖޯޒްއެވެ.

މި ފްރޭމް ވޯކް އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު ސަރަހައްދު ވިޔަފާރިއާއި ލޮޖިސްޓިކްސް ހަބަކަށް ބަދަލުކުރުމަށް ސަރުކާރުން ރާއްވަވާފައިވާ ޕްލޭނާއި އެއްގޮތަށް މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއުގެ ސްކޯޕާއި ފިޔަވަހިތައް ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭން އެކުލަވާލެވޭނެއެވެ. މީގެ އިތުރުން ފައިނޭޝަލް އެސެސްމަންޓް ހެދުމާއި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ މުހިންމު ކޮމާޝަލް ޓާމްސް ކަނަޑައެޅުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެއެވެ.

މި ސްޓްރެޓެޖިކް ޕާޓްނަޝިޕްގެ ދަށުން ދެފަރާތުން ގުޅިގެން ކުރިއަށް ގެންދިޔުމަށް އަމާޒު ހިފާފައިމިވަނީ ދެމެހެއްޓެނިވި ތަރައްގީގެ އަސާސްތަކާއި އެއްހަމަ ކުރެވިގެން އިޖްތިމާއީ ގޮތުން ޒިންމާދާރު ދިގުމުއްދަތުގެ ލާބައާއި މަންފާ ލިބެނިވި އަދި ދިވެހިރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިއްބައިދޭނެ މަޝްރޫއެކެވެ.

އެމްއައިޑީއެފްޒެޑް އަކީ ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމަށް ސަރުކާރުގެ ފަސް ކުންފުންޏެއްގެ ހިއްސާ ހިމެނޭހެން މި އަހަރުގެ ޖަނަވަރީ މަހިގެ ތެރޭގައި އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގައި ހިމެނޭ ކުންފުނިތަކަކީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ.

އެމްއައިޑީއެފްޒެޑް އަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫއު ހިންގުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ޝަރުއީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރައްކާކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް ވެސް ލީޑު ކުރައްވައި ކުންފުންޏެވެ.

ސިންގަޕޫރުގައި ފަންޑް މެނޭޖް ކުރުމުގެ ލައިސަންސް ލިބިފައިވާ ސީއޭއައި އަކީ އިންފްރާސްޓަކްޗަރ، ފިންޓެކް، އައިޓީ އިއާދަކުރަނިވި ހަކަތަ އަދި ހޮސްޕިޓާލިޓީފަދަ ތަފާތު ޕޯޓް ފޯލިޔޯތަކުން ޖުމްލަ 1.3 ބިލިއަން ޑޮލަރުގެ އެސެޓް މެނޭޖް ކުރަމުންދާ ކުންފުންޏެކެވެ. އިކުއިޓީ ޓްރާންސެކްޝަންތަކާއި ޕްރައިވެޓް ޕްލޭސްމަންޓްތަކާއި ސްޓްރަޓެޖިކް އިންވެސްޓްމަންޓްތަކުގެ ތަޖުރިބާ ފުޅާދާއިރާއެއްގައި ލިބިފައިވާ މި ކުންފުންޏަކީ ޓްރާންސްފޯމޭޓިވް މަޝްރޫއުތަކުގައި މަސައްކަތް ކުރުމުގެ ގާބުލުކަން ލިބިފައިވާ ކުންފުންޏެކެވެ.