ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސްޓްރީ، އަދި އަލަށް ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމުކުރުމާއި، މިކަހަލަ ހުރިހާ ދިމާއަކަށް ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި އަޅަންޖެހޭ ބިންގާތައް އަޅަމުން، އެކި ކަހަލަ މުހިންމު ކުންފުނިތައް ސަރުކާރުން ދަނީ އުފައްދަވަމުންނެވެ.
މިސާލެއްގެ ގޮތުގައި ސަރުކާރުގެ ބޮޑު 5 ކުންފުނި ހިމަނައިގެން މި ސަރުކާރުން އަލަށް އުފެއްދި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނި ނަންގަވައި ރައީސް ވިދާޅުވީ އެ ކުންފުނިނިން ހއ. އަތޮޅާއި، އެ ސަރަޙައްދުގައި ފަށާ މަޝްރޫޢު ވެގެންދާނީ، މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް ކަމަށެވެ.
''މި އުފެއްދި ކުންފުނިން މި އަތޮޅުތެރޭގައި، މި ސަރަޙައްދުގައި އިރާދަކުރެއްވިއްޔާ ފަށާ މަޝްރޫޢު ވެގެންދާނީ، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެބޮޑު މަޝްރޫޢަށް. އޭގެ ނަފާ ތިޔަބޭފުޅުންނަށް ލިބޭނީ. އާދެ، "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެ ނަން އަޅުގަނޑުމެން އެ މަޝްރޫޢަށް މިދެނީ.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ނަމެއް މަޝްރޫޢަކަށް ދިނަސް، ރައްޔިތުންނަށް މުހިންމު ވާނީ އެ މަޝްރޫޢަކުން ލިބިދޭނެ ފައިދާ ކަމަށެވެ.
''އެތައް ހާސް ވަޒީފާއެއް އިރާދަކުރެއްވިއްޔާ، މަޝްރޫޢު ފެށިގެން، ބިން ހިއްކައިގެން، އިންވެސްޓްމަންޓްތައް ގެނެވޭވަރަކުން، ޕްލޭންއައުޓް ކުރެވިގެންދާއިރުގައި، ވަޒީފާތައް އިތުރުވެ، އެކިކަހަލަ މަޝްރޫޢުތައް، ކުދި، މެދު ފަންތީގެ ކުންފުނިތަކަށް ލިބިގެންދާނެ. ވަކި މި އަތޮޅަކަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް ފައިދާވާނެ.'' ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!