ކުޅުދުއްފުށީ ސިޓީ ކައުންސިލުން 2021 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާ އެންމެހާ ބީލަންތަކާއި ބެހޭ ތަފްޞީލު މަޢުލޫމާތުތައް އެ އިދާރާގެ ވެބްސައިޓުގައި އާންމުކޮށްފިއެވެ.
މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހުށަހެޅުނު ގިނަ ހުށަހެޅުންތަކަކަށް ޖަވާބުދާރީވުމުގެ ގޮތުންނާއި، ކައުންސިލްގެ މަސައްކަތްތަކަކީ ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކަށް ހެދުމަށް އެޅުނު ފިޔަވަޅެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، މި މަޢުލޫމާތުތައް އާންމުކުރަން ނިންމީ 14 ޑިސެމްބަރު 2025 ގައި އަމިއްލަ ފަރާތަކުން ހުށަހެޅި 46 ހުށަހެޅުމަކާ ގުޅިގެންނެވެ. އެ ފަރާތުން އެދިފައިވަނީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ އެކި މަޝްރޫޢުތަކުގެ ތަފްޞީލު ހޯދުމަށެވެ. ކައުންސިލުން ދެކޭ ގޮތުގައި މިއީ ހުރިހާ ރައްޔިތުންނަށްވެސް ފަސޭހަކަމާއިއެކު ބަލާލެވެން ހުންނަން ޖެހޭނެ މަޢުލޫމާތުތަކެއްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މިހާރު ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ޝީޓަކީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ގަވާއިދުން ވެބްސައިޓުގައި ޕަބްލިޝްކުރަމުންދިޔަ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ޝީޓެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ ސަބަބުން ކައުންސިލުން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގެ ފުރިހަމަ ތަފްޞީލު އެއްތަނަކުން ފެންނަން ހުންނާނެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، މިއީ އެ އިދާރާގެ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތުގައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކައުންސިލްގެ މަސައްކަތްތައް ޒިންމާދާރުކަމާއިއެކު ގާތުން ބައްލަވައި، ކައުންސިލް ޖަވާބުދާރީ ކުރުވުމަށް އާންމުން ބަހައްޓާ ޝައުޤުވެރިކަމަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!