ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅުން ޢައްޔަނުކުރަށްވައިފިއެވެ.
މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އައު މެންބަރުން ޢައްޔަނުކުރައްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ މ. ވޭވަށް، ކިނާރާ އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އެވެ.
މިއަދު ރައީސްގެ އޮފީހުގައި ބޭއްވެވި ވަކި ދެ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުން ވަނީ އެ ދެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މި ދެ ބޭފުޅުންނަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން އަލްއުސްތާޛު ޙަސަން ޝަފީޢުއާއި އަލްއުސްތާޛު ރިފްޢަތު ޢަބްދުﷲ އާ ޙަވާލުކޮށްދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!